ޚަބަރު

ސަރވިސްޗާޖްއާއި ބެހޭ އައު ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި

ސަރވިސްޗާޖްއާއި ބެހޭ އައު ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އެޤަވާއިދަށް  އަމަލު ކުރަން ފަށައިފިއެވެ.

އަލަށް އެކުލަވާލި ޤަވާއިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، ޚިދުމަތުގެ އަގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ގެ ރޭޓުންނެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން އެކުލަވާލާފައިވާ މި ޤަވާއިދަކީ ޤާނޫނާއި އެއްގޮތަށް ސަރވިސްޗާޖް ނަގަމުންދޭތޯ ކަށަވަރުކޮށް މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބަހަންޖެހޭ ގޮތް ކަނޑައަޅައި އެގޮތަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސަރވިސްޗާޖް ބަހަމުންދާކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤަވާއިދެކެވެ.

ސަރވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާއާއި މުވައްޒަފުންނަށް ބަހާ ފައިސާގެ މަޢުލޫމާތު ވަޒީފާދޭ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށައަޅަން ޖެހޭ މި ޤަވާއިދުގައި ވަނީ ކަނޑައެޅިފައެވެ.

މީގެ އިތުރުން ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޓޫރިސްޓް ހޮޓަލެއް، ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް، ނުވަތަ ޓްރެއިނިންގ ރިޒޯޓެއް، ނުވަތަ ޓްރާންސިޓް ހޮޓަލެއް، ނުވަތަ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް، ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި، ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ނުވަތަ ވަކި ކޮޓަރިއެއް، ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުޢާމަލާތާ ގުޅޭގޮތުން ސަރވިސްޗާޖް ނަގަންވާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމުލަ އަގުގެ މައްޗަށް ބިނާކޮށެވެ.

ސަރވިސްޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 ނެގިދާނެކަމަށާއި، އަދި އެއްވެސް ހާލަތެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެކަމުގައި މި ޤަވާއިދުގައި ބުނެފައިވެއެވެ.

މުވައްޒަފުންނަށް ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސަރވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެންނެވެ.

އެގޮތުން މުވައްޒަފު ޚިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ޙައްޤުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި، އަރާމުކުރުމަށް މުވައްޒަފަށް ޙައްޤުވާ ދުވަސްތައް އުނިކޮށްގެން ނުވާނެކަމުގައި ވަނީ ބުނެފައެވެ.

ފައިތުވި މަހުގެ ސަރވިސްޗާޖް ފައިސާ ހިނގަމުންދާ މަސްނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމަންވާނެކަމަށާއި އަދި މިޤަވައިދާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ގޮތުގެ އުޞޫލުވެސް ވަނީ މި ޤަވައިދުގައި ހިމަނާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close