މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.
މި މައްސަލައިގެ ބަހުސް 2 ގަޑިއިރަށް ދެމިގެންދާނެއެވެ. އަދި އަދި މިނިސްޓަރު މަލީހަށް ޖަވާބުދާރީ ވުމަށްވެސް 30 މިނެޓްގެ ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.

