ފާޙިޝް ޢަމަލުތަކުން ދުރުހެލިވެ ތިބުމަކީ ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެއް – ހުކުރު ޚުޠުބާ
ފާޙިޝް ޢަމަލުތަކުން ދުރުހެލިވެ ތިބުމަކީ ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
އެގޮތުން ކައިވެނިން ބޭރުން ނަހަމަ ގުޅުންތައް ހިންގުން ޒުވާނުންގެ ތެރޭގައި ޢާންމުވަމުންދާކަމަށާއި މިކަންކަމުން ދުރުހެލިވެ ތިބުމަށް ހަވާނަފްސުގެ އެދުންތަކުން ދުރުހެލިވެ، ކައިވެނީގެ މަތިވެރި ގުޅުމުން ގުޅި އިމުގެ ތެރެއިން އެފަދަ ގުޅުންތައް ހިންގުމަށްވަނީ ޚުޠުބާގައި ގޮވާލައިފައެވެ.
އަދި މިހާރަކަށް އައިސް ދެޖިންސު މަސްހުނިވެގެން ހަށިވިއްކުމުގެ ވިޔަފާރިވެސް ރާއްޖޭގައި ކުރަމުންދާކަމަށާއި މިފަދަ ޢަމަލުތައް ހިންގަމުންދިޔަ އުންމަތްތަކަށް ﷲ ތަޢާލާ ފޮނުއްވި ޢަޛާބުތަކާއި ކޯފާތަކުން ޢިބުރަތްލިބިގަނެ ތިމާގެ އުޅުމާއިގުޅުން އިޞްލާޙުކޮށް އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށްވެސް ޚުޠުބާގައި ގޮވާލައިފައިވެއެވެ.
އަދި މަދުން ނަމަވެސް ޒުވާނުންގެ ތެރޭގައި އެއްޖިއްސުން ގުޅުން ހިންގުމުގެ ނުބައި އާދަ ފެތުރެމުންދާކަމަށާއި ޒުވާނުން މިފަދަ ޢަމަލުތަކުން ސަލާމަތްކުރުމަށް އެކުދިންގެ މައިންބަފައިންގެ ޒިންމާ ކުޑަ ނޫންކަމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ނަޞޭޙަތްތެރިވެ އެހީތެރިޥާން ޖެހޭ ކަމަށެވެ. އަދި އެފަދަ ޢަމަލުތައް ހިންގުމަށް މަގުފަހިވާ އެންމެހާ ކަންކަމުން ޒުވާނުން ސަލާމަތްކުރަންޖެހޭ ކަމަށާއި ޒުވާނުން އެފަދަ ކަންކަމުގެ ތެރެއަށްދަނީ ރީތި ނަންނަމުގައި އެކިއެކި ކަންކަން މުޖުތަމަޢުގައި ހިންގަމުންދާތީ ކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އުންމަތްތަކަށް ބޮޑަތި ވަބާތަކާއި ބަލިތައް ފެތުރިފައިވަނީ ފާޙިޝް ޢަމަލުތައް އެތަނެއްގައި ޢާއްމުވެގެން ދިއުމުންކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.


