ތަރައްގީ ކުރުމުގައި އެއްވެސް ރަށެއްގެ އާބާދީއަކަށް ނުބަލާނަން، މިދައުރުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރާނަން – ރައީސް
ރަށްވެހި ފަތިސް- ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރެއްވުން / ފޮޓޯ: ރާއްޖެއެމްވީ
ގއ.އަތޮޅު ތަރައްގީ ކުރުމުގައި އެއްވެސް ރަށެއްގެ އާބާދީއަށް ނުބަލާ އެރަށެއްގެ ތަރައްގީއަށް އެންމެ ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށާއި، މިދައުރުގައި ހުވަދޫގައި އެއަރޕޯޓެއް ޤާއިމް ކުރައްވާނެކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ކެމްޕޭންގައި ރޭ ހުވަދު އަތޮޅު ކެމްޕޭން ޓީމާއިއެކު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވީ “އަޅުގަނޑުމެންގެ ދައުރުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރާނަން” ކަމަށެވެ.
ރައީސް ޞާލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ކޮލަމާފުށި، ވިލިނގިލި، ދާންދޫ، ދެއްވަދޫ، މާމެންދޫ، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮނޑޭ އަދި ނިލަންދޫއަށް މިހާރު އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި، މިހާރު ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި ދަތިތަކާއި ކަންބޮޑުވުންތައް އެރަށްތަކުގެ ކެންޑިޑޭޓުން ހިއްސާކޮށްފައިވެއެވެ.
ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކާއި، ތައުލީމީ ގޮތުން ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުމާއި، މަގުހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ޒުވާނުންނަށް ޚާއްސަކޮށްގެން ރަށްރަށުގައި ގާއިމް ކުރާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ޒުވާނުންގެ މަރުކަޒު ގާއިމްކުރުމަށް ހުށަހަޅާފައިވެއެވެ.
ރައީސް ވިދާޅުވީ ރަށްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި، މިހާރު ވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި ގެމަނަފުށީގެ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް، މިމަހުގެ 28 ވަނަ ދުވަހު ކޮންޓްރެކްޓަރާއިއެކު ސޮއިކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިހް ރޭ ވިދާޅުވީ 2020ގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މިއަހަރު އެމަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށެވެ.

