ޚަބަރު

މަޑުއްވަރީގައި ފުލުހުން ޙަރަކާތްތެރިވަނީ ހަރުކަށިފިކުރު ފަތުރާތީ އެކަން ހުއްޓުވަން – ފުލުހުން

ރ.މަޑުއްވަރީގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަނީ ހަރުކަށި ފިކުރު ފަތުރައި ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރ.މަޑުއްވަރީގައި ސަލާމަތީ ބާރުތަކާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއެކު ޝައްކުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވާއިރު އެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ރާއްޖޭގެ ބައެއްފަރާތްތަކުން ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކުރަމުންދާތީ އެކަމާއި ގުޅިގެން ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތްތައް ހުއްޓުވުމަށްވެސް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރެވެ. އަދި އޭގެ ފަހުން ހައްޔަރުކުރި މީހަކީ 34 ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އުޅޭކަމަށާ، އެމީހުން އަންހެނުންނާއި ކުޑަކުދިންނަށް ލިބިދީފައިވާ ހައްޤުތަކުން މަޙްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށެވެ.

ރ.މަޑުއްވަރީގައި ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ބައެއް މީހުން އެމީހުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް ހިންގަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން ކުރާ މަސައްކަތްތަކާއި ދެކޮޅަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަންގެ ތެރެއިން އަޅަމުންދާނެކަމަށްވެސް ފުލުހުން ނެރުނުބަޔާނެއްގައި ވަނީ ހާމަކުރައްވާފައެވެ.

ރ. މަޑުއްވަރީގައި މިފަދަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައިމިވަނީ އެރަށުގެ އާއިލާއެއްގެ ކުޑަކުއްޖަކު، ކައިވެނީގެ ނަމުގައި ފިރިހެނަކާއި ހަވާލުކޮށް އަދި އުމުރުން 13 އަހަރުގައި އެކުއްޖާ ބަލިވެ އިނދެ ވިހޭ މައްސަލައިގައި، އެކުއްޖާގެ މައިންބަފައިން ހައްޔަރުކޮށް އެއާއިލާގެ ކުދިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ދަނޑިވަޅެއްގައެވެ.

ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ހަރުކަށި ދީނީ ފިކުރު ފެތުރުން ހުއްޓުވައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close