އަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޙާލުކޮޅު ހުރިގޮތުން ސިއްޙީ ފަރުވާއަކަށް ލަންޑަނަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ މަޝްހޫރު ބޮޑެތި ނޫސްތަކުން ބުނެފައިވާގޮތުގައި އަލީ ވަހީދު ފުރާފައިވަނީ ކޯޓުން އެފުރުޞަތު އޭނާއަށް ފަހިކޮށްދިނުމުންނެވެ.
ކްރިމިނަލް ކޯޓާ ޙަވާލާދީ ‘ދަ ޕްރެސް’ އިން ރިޕޯޓްކޮށްފައިވަނީ ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރު ކޮށްފައިވާ ކަމަށެވެ. އެއަށްފަހު އޭނާގެ ވާހަކަތައް އަޑުއަހުމަށްފަހު ދައުލަތުގެ ފަރާތުންވެސް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް އިއުތިރާޒް ކޮށްފައި ނުވާތީއާއި ދައުވާ ލިބޭ ފަރާތާއި ޖާމިނުވާ ފަރާތެއް ހުށަހަޅާފައި ވާތީ ފުރުން މަނާ ކުރުމުގެ އަމުރު ބާތިލް ކުރީ ކަމަށެވެ.
އޭނާގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. ޝަރީއަތް ލައިވް ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާ ނަމަވެސް އެ ޝަރީއަތް ސިއްރުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށްވާތީއެވެ. އެއީ ޖިންސީ ކުށްތައް އަދި ކުޑަކުދިން ހިމެނޭ މައްސަލަތައް އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށް ވާތީ، އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ކަރާމާތް ރައްކާތެރި ކުރުމަށްޓަކައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ހެކި ހުށަހަޅާފައެވެ. އަދި އަލީ ވަހީދު އެ ދައުވާތަކަށް ވަނީ އިންކާރުވެސް ކުރައްވާފައެވެ.
އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކަކީ:
ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ އިއްޔެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.
އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.
މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.
