ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެކްސިން ޖައްސަވައިފި

ކޮވިޑް-19 ދިފާޢު” ކެމްޕޭންގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް “ކޮވިޝީލްޑް” ވެކްސިން މިއަދު ޖައްސަވައިފިއެވެ.

ވެކްސިން ޖެއްސެވުމަށްފަހު އެ މަނިކުފާނު ވިދާޅުވީ ޤައުމީ ރޫޙު އިސްކޮށް، ހުރިހާ ދިވެހި ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ، ވެކްސިން ޖެއްސެވުމަށް އެދިވަޑައިގަންނަވާކަމުގައެވެ.

“ކޮވިޑް-19 ދިފާޢު” ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ “އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،” ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން “ކޮވިޝީލްޑް” ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

“ކޮވިޑް-19 ދިފާޢު” ކެމްޕޭންގެ ދަށުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަޖައްސާފައިވާއިރު، ރޭގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 9,700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close