މާރިޗު މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކޮށްފައިވަނީ ގަވައިދާ އެއްގޮތަށް: ފެނަކަ

ނިމިދިޔަ މާރިޗު މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކޮށްފައިވަނީ ކަނޑައެޅިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރީޑިންގ ނެގުމާއި ބިލު ތައްޔާރުކުރުމުގައި އަމަލުކޮށްފައިވަނީ އެހެން މަސްމަހުގައިވެސް ގެންގުޅޭ އާންމު އުސޫލުން ކަމަށެވެ. ފެނަކައިން ވަނީ، ތައްޔާރުކޮށްފައިވާ ބިލެއްގައި މައްސަލައެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ ރީޑިންގ އިތުރަށް ޗެކްކޮށްދިނުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް ބުނެފައެވެ.
ފެނަކައިން ފާހަގަކުރި ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް މާރިޗު، އޭޕްރީލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެވެ. ވުމާއެކު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ފެނަކައިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
