ޚަބަރު

މާފަރު ކައުންސިލުން ކަރަންޓް ކަނޑާލައިފައި ވާތީ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފި

ނ.މާފަރު ކައުންސިލުން ކަރަންޓް ކަނޑާލައިފައި ވާތީ އެތާނގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މާފަރު ކައުންސިލުން މިއަދު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުގެ ކަރަންޓު ބިލުތަކުގެ ތެރެއިން 2020 ވަނަ އަހަރުން ފެށިގެން ފައިސާ ނުދެއްކި ހުރި ބިލްތަކުގެ ސަބަބުން ފެނަކަ މާފަރު ބްރާންޗް އިން ވަނީ އެ ކައުންސިލް އިދާރާ، ޕްރީ ސްކޫލް އަދި ފުޓްސަލްދަނޑު ހިމެނޭ ގޮތަށް ކަރަންޓުގެ ޚިދުމަތް ކަނޑާލާފައި ކަމަށެވެ.

އެ ކައުންސިލުން ބުނީ، ބިލްތަކަށް ފައިސާ ނުދެއްކިވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކައުންސިލްގެ ބަޖެޓުގެ ބައެއް ސަރުކާރުން ހިފެހެއްޓުމާއި ގުޅިގެން ކަމަށާއި، ބިލްތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ތަކުރާރުކޮށް ދެންނެވިފައިވާ ކަމަށެވެ.

އަދި، ކައުންސިލް އިދާރާއާއި ޕްރީ ސްކޫލާއި ފުޓްސަލް ދަނޑުގެ ފައިސާ ނުދެއްކޭ އެއްވެސް ބިލެއް ނެތް ކަމަށާއި ނުދެއްކިވަނީ ބަނދަރާއި މަގުބައްތި އަދި މިސްކިތްތަކުގެ ބިލްތައް ކަމަށެވެ.

އެރަށު ކައުންސިލުން ބުނީ، ބިލްތައް އަދާކޮށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. ނަމަވެސް، ކަރަންޓުގެ ޚިދުމަތް ލިބެންދެން ކައުންސިލްގެ ޚިދުމަތްތައް މެދުކަނޑާލެވިފައިވާ ކަމަށާއި އެމަޖެންސީކަމެއް ދިމާވެއްޖެނަމަ ކައުންސިލްގެ ރައީސަށް އެންގުމަށް އެދޭ ކަމަށެވެ.

https://www.facebook.com/290266721461481/posts/1227733767714767/

ފެނަކައިންވަނީ މީގެ ކުރިންވެސް ބައެއް ކައުންސިލް އިދާރާތަކުގެ ބިލްތައް ނުދައްކައިގެން އިދާރާތަކުން ކަރަންޓު ކަނޑާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close