ފައިމަގުގައި ހިންގަވައި، ރައީސްގެ ދެކަނބަލުން މިސާލު ދައްކަވައިފި
އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރެއްވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ރިވެރި ނަމޫނާ އެއް ދައްކަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ ވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މާލޭގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާގަޑީގައި ފައިމަގުގައި ހިނގަވާ މިސާލު ދައްކަވާފައެވެ.
ރޭ ގިނަ ބަޔަކަށް ރައީސްގެ ދެކަނބަލުން މަޖީދީ މަގުން ފައިމަގުގައި ވަޑައިގައްނަވާތަން ފެނިފައިވާއިރު އެ ވަގުތަކީ އަލަށް އެކުލަވާލައި ތަންފީޒުކުރަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއެކެވެ. ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ރައީސް ދަތުރުކުރައްވާ އުޅަނދު ދަތުރު ކުރެއްވުމަށް މަނާ ގަޑިއެއް ނޫނެވެ.
ރައީސް އޮފީހުން މިކަމާއި ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު މައުލޫމާތު ލިބޭގޮތުގައި ރައީސްގެ ދެކަނބަލުން ފައިމަގުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ އަށެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ހަށިފާރަވެރިން ފިޔަވައި އިތުރު މީހަކު ހަރަކާތްތެރިވާތަން ފެނިފައެއް ނުވެއެވެ.
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވާން ފަށައި ބަލި ކޮންޓުރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަނެއްކައިވެސް އަޅައިފައިވާއިރު ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފެއެވެ. އެ ގަޑީގައި ވެހިކަލް ދުއްވޭނީ ހާއްސަ ހުއްދަ އޮންނަ މީހުންނަށް އެކަންޏެވެ.
ކޮވިޑް-19ގެ ގިނަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންނަނީ މިސާލު ދައްކަވަމުންނެވެ. މިގޮތުން ކޮވިޑް ވެކްސިން މިމަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ދޭންފަށައިފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނިވަޑައި ގައްނަވައެވެ.
