ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 152 މީހުން

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 152 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މިއަދު މާލެ އިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 74 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 48 މީހުން ފައްސިވިއެވެ. އަދި ސަފާރީތަކުން އިތުރު ހަތަރު މީހުން މިއަދު ފައްސިވެފައި ވެއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4142 މީހުންނެވެ. މިއަދަކީ އޮގަސްޓް މަހު އެންމެ މަދު ބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ، މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %3.67 މީހުންނެވެ. ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނަ މީހުން މިމަހު ފައްސިވީ މިއަދު އެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 131 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި 1730 މީހުން އެބަތިއްބެވެ. އޭގެތެރެއިން 22 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޮގަސްޓް މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3577 އަށް އަރާފައެވެ. އޭގެތެރެއިން 2274 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ވަނީ 863 މީހުން ފައްސިވެފައެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްތަކުން ވަނީ 440 މީހުން ފައްސިވެފައެވެ. އޮގަސްޓް މަހު 4545 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 81112 އަށް އަރާފައެވެ. އޭގެތެރެއިން 79143 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން 226 މީހުން ވަނީ ނިޔާވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close