ޅެން

އަގުހުރި ޖަވާހިރު

އެކުގައި ވުމަށް ހިތްއެދެވެނީ، ލޯތްބާ ރުހުން ލިބިގެންވުމުން

          އެކުވެރިއަކީ ދުނިޔޭން ލިބޭ އަގު މާތްވި ހަދިޔާ އެއްކަމުން 

ކުޑަނަމަވިޔަސް އަނިޔާ އަކަށް އަމުދުން އެ ހިތް ނޭދޭނެޔޭ

         ކުޑަބޮޑުވެގެން އައިއިރުގަވެސް، އެ ތަފާތު ހިތުގައި ނެތްކަމުން

ވެދުމާ ސަލާންތައް ފޮނުވަމުން ގުޅުމޭ ބަދަހިކޮށް އަދުހެދީ

         އެދުމެއްނެތީސް ވެދުމެއް ކުރަން ބޭނުންވެފާ އެއުރެން ވުމުން

ރިހުމެއްގެ އަޑު ހަމަ ނީވުނަސް، އިޙްސާސް ވެޔޭ ހިތިފޮނި އަސަރު

         އެހުމަށް އެއަޑު ކުޅަދާނަވީ، ކަތްފަތް ތަކެއް ހިތުގައި ވުމުން

ޔާރާ ހިތުން ދިންހާ ޔަޤީން ކަން ކަށަވަރުން ފުއްދާނަމޭ

         އާރެއް ނެތަސް ބާރެއް ނެތަސް، އެކުވެރިޔަކަށް މިތުރާ ވުމުން

އޯގާތެރިވެ ފިރުމާލަ ދިން ހަންހާރަވީ މިތުރާ އަތުން

           އެގުޅުން ނުކެނޑިފައި މިއަދުވީ، އިތުބާރު ހިތުގައި އޮތްކަމުން 

މެރިފާ ވިޔަސް ދެލޮލުން މަށަށް، ފެނެޔޭ ކަރުނަ އުފަލުން ފުރާ

       ތެރިޔާވަފާ ސިފަކޮށް ދެމޭ، އަގުހުރި ޖަވާހިރަކަށް ވުމުން

ކެތްތެރިކަމާ އެކުގައި މިތާ، ވިސްނައިދެޔޭ ހެޔޮ ގޮތް އަބަދު

       ކެތްނުކުރެވޭ ވަކިވާކަށެއް، ކުލުނުން ފުރާ ހިތްހެޔޮކަމުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close