ޚަބަރު

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހައްޔަރުކުރި 2 މީހަކު ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުން، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހައްޔަރުކުރި 2 މީހަކު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހައްޔަރުކޮށް، ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ މއ.ދޭލިޔާގެ، ޢަލީ ޖިބްރީލްއާއި، ސ.މަރަދޫ، ޒިކުރާ، ޢިމްރާން ވަޖުދީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ ދުރާލާ ރާވައިގެން މަސްތުވާތަކެތި ގެންނަކަން އެނގިހުރެ، އެތަކެއްޗާއި ހަވާލުވުމަށް އަންނަ މީހާ މެދުވެރިކޮށް، އެކަމުގައި ހިމެނޭ މީހުން ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަނެވެ.

ޢަލީ ޖިބްރީލްއާއި، ޢިމްރާން ވަޖުދީ ހައްޔަރުކޮށްފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތިތަކެއް އެތެރެކުރި ފަރާތް ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ޕޯސްޓުން ލިބިފައި އޮތް ސިޓީއުރައެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ތުހުމަތުކުރެވިގެން، އެތަކެއްޗާ ޙަވާލުވުމަށްދާ ފަރާތެއް ހޯދުމަށް، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ.

މިމީހުންގެ ތެރެއިން އިމްރާން ވަޖުދީ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހުރި ސިޓީއުރަ ވެލާނާ ބިލްޑިންގގެ ގުރައުންޑް ފްލޯގައި ހުންނަ ޕިކްޕޯސްޓް ސްޓޭޝަންގެ ލޮކަރަށްލުމަށްފަހު، އެ ސިޓީ އުރަ ނަގަންދާ ފަރާތެއް ހޯދުމަށް ފުލުހުން ފާރައަށް ތިބުމަށްފަހުއެވެ. އެގޮތުން ޢިމްރާން ވަޖުދީ ވެލާނާގޭގައި ހުންނަ ޕިކް ޕޯސްޓަށް ވަދެ، ކޯޑު ޖެހުމަށްފަހު އެ ލޮކަރ ތެރޭގައި އޮތް އެންވެލޮޕް ނަގައިގެން ދާން ފެށުމުން، ފުލުހުން ޢިމްރާން ވަޖްދީ ހުއްޓުވައި، ޢިމްރާން ވަޖްދީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، ޢިމްރާން ވަޖުދީއާއި ސުވާލުކުރުމުން، އެ އެންވެލޮޕަކީ މއ.ދޭލިޔާގެ، ޢަލީ ޖިބްރީލްގެ އެއްޗެއްކަމަށް އޭނާ ބުނެފައިވާކަމަށް ޙުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓްގެ ޤާޒީ ޙަސަން ސަޢީދު ކުރެއްވި ޙުކުމުގައި ޢިމްރާން ވަޖުދީއާއި ޢަލީ ޖިބްރީލް ޢުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެ ދެމީހުންގެ މައްޗަށް ވަނީ ޢަމަރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close