ސިނަވޮކް އިން ކޮވިޑް ވެކްސިން އިތުރަށް އުފައްދަނީ
ކޮވިޑަށް ވެކްސިން އުފެއްދި ޗައިނާގެ ކުންފުނި ސިނަވޮކްއިން ކޮވިޑް ވެކްސިން އިތުރަށް އުފައްދަން ނިންމައިފއެވެ.
އެގޮތުން ވެކްސިން އުފެއްދުން ދެ ގުނަކުރަން މިހާރު ވަނީ 515 މިލިއަން ޑޮލަރުގެ ފަންޑެއް ހޯދައިފަ އެވެ.
މިހާތަނަށް ސިނަވޮކްއިން ކޮށްފައިވާ ތަހުލީލްތަކުން އެކުންފުނީގެ ވެކްސިން ކާމިޔާބުކަމަށް ދައްކާފައިވާއިރު، އެ ކުންފުނިން މިހާރުވެސް ދަނީ ވެކްސިން ސަޕްލައިކުރުމަށް ގިނަ ގައުމުތަކާ ވާހަކަ ދައްކަމުންނެވެ. އެގޮތުން ތުރުކީ ވިލާތާއި ބްރެޒިލް އަދި އިންޑޮނީޝިއާއަށް ވެކްސިން ސަޕްލައިކޮށްދޭން މިހާރު ވަނީ އެއްބަސްވެފަ އެވެ.
ސިނޮވެކް ވެކްސިންގެ ތިންވަނަ މަރުހަލާގެ ޓްރަޔަލްތައް މިހާރުވެސް ބްރެޒިލްގައި ކުރިއަށް އެބަ ގެންދެއެވެ. އަދި އެ ތަހުލީލްތަކުގެ ނަތީޖާ މިމަހުގެ 15 ވަނަ ދުވަހު ޝާއިއުކުރަން ނިންމައިފައިވެއެވެ.
ސިނޮވެކްއިން ބުނެފައިވަނީ މިހާރުވެސް 300 މިލިއަން ޑޯޒް ވެކްސިން އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭ ހިސާބުގައި ވެކްސިން އުފައްދަން އިތުރު ފެސިލިޓީއެއް ހަދައި 600 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ.
ޗައިނާއިން މިހާރުވެސް ދަނީ އިމެޖެންސީ ޕްރޮގްރާމްގެ ދަށުން މިލިއަނެއްހާ އެގައުމުގެ ރައްޔިތުންނަށް ސިނޮވެކްގެ ވެކްސިން ދެމުންނެވެ.



