ހޯރަފުށީ އެއާޕޯޓް ރައީސުލް ޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި
ހއ. ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން، އެންމެކުރު މުއްދަތެއްގައި އަދި މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މިއީ މިސަރުކާރުން ތަރައްޤީކޮށް ހުޅުވި ފުރަތަމަ އެއަރޕޯޓްވެސް މެއެވެ.
1200މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީ ވޭގެ އިތުރުން ޓާމިނަލާއި، ފަޔަރ ބިލްޑިންއާއެކު ތަރައްޤީކުރި ހޯރަފުށީ އެއާޕޯޓް ރައީސް ޞޯލިޙް ހުޅުވައިދެއްވީ ދާދި ދެންމެ، އެ އެއާޕޯޓްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.
ބޮޑުތިލަދުންމަތީގެ ތިންވަނަ އެއާޕޯޓް ހުޅުވުމުގެ މި ކުލަގަދަ ރަަސްމިއްޔާތުގައި ރައީސްޖުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2020 ނޮވެމްބަރު 16 ވަނަ ދުވަހުގެ ހެނދުނު 09:10 ގައެވެ. އޭގެ ފަހުން މިއަދު ދެ ފްލައިޓް އެއާޕޯޓަށް ޖައްސާފައިވެއެވެ.

198މިލިއަން ރުފިޔާއަށް ހޯރަފުށީ އެއާޕޯޓް ރަންވޭ ތަރައްޤީކުރުމަށް އެމްޓީސީސީއާއި ސަރުކާރުން ހަވާލުކޮށްފައިވަނ،ީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި 13.8 މިލިއަން ރުފިޔާއަށް އެއާޕޯޓްގެ ޓާމިނަލާއި ފަޔަރ ބިލްޑިންގ ތަރައްޤީކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ.
މި އެއާޕޯޓަކީ ރާއްޖޭގައި ބިން ހިއްކައިގެން އެންމެ ކުރު މުއްދަތެއްގައި ތަރައްޤީކުރި އެއާޕޯޓެކެވެ. މި ރަސްމިއްޔާތަށް ރައީސް ޞޯލިހް ހޯރަފުއްޓަށް މިއަދު ހެނދުނު ވަޑައިގެންނެވުމުން ހޫނު މަރުޚަބާއެއް ދަންނަވާފައިވަނީ ސަގާފީ ހަރަކާތްތަކާއި، ސްކޫލްކުދިންގެ ފުރިހަމަ ހުށަހެޅުންތަކުންނެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޢާއްމު ރައްޔިތުންވެސް ބައިވެފައިވެއެވެ.


