ޚަބަރު

ނޫސްވެރިކަމުގައި ދިވެހިން އެތައް ގުނައެއް ފަހަތަށް ދިއުމަކީ ނުހަނު ކަންބޮޑުވާކަމެއް: އިންތި

ނޫސްވެރިކަމުގެ މިނިވަން ހޯދުމަށާއި، މިނިވަންކަން ލިބިގަތުމަކީ އެމްޑީޕީން ކުރަން ނިކުތް އެންމެ ބޮޑު އެއްމަސައްކަތް ކަމަށާއި، މިއަދު އަނެއްކާވެސް ނޫސްވެރިކަމުގައި ދިވެހިން އެތައް ގުނައެއް ފަހަތަށް ދިއުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަ ކުރައްވާ އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި “ރިޕޯޓާސް ވިތައުޓް ބޯޑާސް” ކޮންމެ އަހަރަކު އާންމު ކުރަމުން ދާ “ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 15 ދަރަޖަ ވެއްޓުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންތި ވިދާޅުވީ މިނިވަން މީޑިއާއެއް ހިންގޭނީ ސަރުކާރުގެ ނުފޫޒާއި، ބާރު ނެތި މިނިވަންކަމާއިއެކު ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދެވިގެން ކަމުގައި އިންތި ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޮތުމަކީ އަޅުގަނޑުމެން ލޮލުން ބޮލުން އެދިގެން ކުރާން ނުކުތް އެއްކަންތައް. ނޫސްވެރިކަމުގެ މިނިވަންކަން ސޮއްސާލައިގެން ދާދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. ސަރުކާރުން ކޮންޓްރޯލް ނުކުރާ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އެއް ރުކުން.

– އިންތި ވިދާޅުވިއެވެ.

ޖުމްލަ 180 ގައުމު ހިމެނޭ އެ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އެހެންކަމުން މިދިޔަ އަހަރު އޮތް ހިސާބާ އަޅާބަލާއިރު މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.

މިއީ ފާއިތުވެ ދިޔަ ހަތަރު އަހަރުގައި މި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނައެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު 72 ވަނައަށް ރާއްޖެ ޖެހިލިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close