ރާއްޖެ އިސްލާމްވިދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުން ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް، ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރެއްވީ އެމަނިކުފާނު ކުރައްވި ޓްވީޓެއްގައެވެ.
އެޓްވީޓްގައި ރައީސް ޞާލިހް ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުނަށް އަރިސް ކުރާ ކަމަށާއި މި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށެވެ.
“މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން” ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ޤަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީޚީ ލިޔުމުން އެގެއެވެ.
ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދްމަތް ތަކެއް ކުރެއްވި މަޢްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.
