ތޮއްޑޫގެ ދަނޑުވެރިންނާ ރައީސް ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑު އަށް ވަޑައިގެން އެ ރަށުގެ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ މިއަދު ހެނދުނު ބައްދަލުކުރައްވައި އެބޭފުޅުން ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ލޯކަލް ޓޫރިޒަމް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ތޮއްޑޫ އެގްރި ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ލޯކަލް ޓޫރިޒަމަށް ކޮންމެ ފަތުރުވެރިޔަކު ދައްކަންޖެހޭ ގްރީން ޓެކްސް ފައިސާ އެރަށަށް ނުލިބޭތީ ހުރި ކަންބޮޑުވުންތަކާއިި، ދަނޑުވެރިކަމަށް ބޭނުންވާ މުޑުވައްތަކާ ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިތައް ހިންގަވާ ބޭފުޅުންވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓްދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫއަކީ ދަނޑުވެރި ރަށެއްކަމަށާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ދަނެގެން ސަރުކާރުން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ކުރަމުންދާކަމަށާއި، ފެނާ ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތްކުރިޔަށްދާނެކަމަށް ވިދާޅުވެފައެވެ. އަދި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ ސަރުކާރުން ކުރިންވެސް ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަން ފާހަގަވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގެސްޓްހައުސްތަކުގެ ވެރިންގެ ކަންބޮޑުވުންތަކަށް ޖަބާވުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގްރީން ޓެކްސް މިހާރު ޚަރަދު ކުރަނީ ތިމާވެށީގެ ކަންކަމަށާއި، ފެނާނަރުދަމާގެ މަސައްކަތަށްކަން ފާހަގަކުރައްވައި، ނަމަވެސް އެމަނިކުފާނުވެސް ޤަބޫލުފުޅުކުރައްވާ ގޮތުގައި ގްރީން ޓެކްސްގެ ބޮޑު އިންސައްތައެއް ޚަރަދުކުރަން ޖެހޭނީ އެ ރަށަކަށްކަން ފާހަގަކުރައްވައި އެގޮތަށް ވިސްނުން ބަހައްޓަވައިގެން އެކަން ކުރިޔަށްގެންދަވާނެކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހުރިއްޔާ ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި ތޮއްޑޫގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައްް ބައްލަވާލައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ 266 ދަނޑުވެރިއެއް މިހާރުވެސް ވަނީ އެގްރޯނެޓްގައި ރެޖިސްޓަރ ކޮށްފައެވެ .މީގެ އިތުރުން އެމަނިކުފާނު ވަނީ ތޮއްޑޫގައި މިހާރު ސަރުކާރުން ތަރައްޤީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.


