ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ނިންމައިފި
ފާޑުކިޔުން ބޮޑުވެ ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ނިންމައިފިއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހެޅުމާއިއެކު އެކަމަށް ފާޑުކިޔުންތައް އަމާޒުވުމުން އެންމެފަހުން ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ނިންމައި އިތުރު އިސްލާހެއް ޤާނޫނުލް އުޤޫބާތަށް ސަރުކާރުން ހުށަހަޅައިފިއެވެ.
މިއިސްލާހާއި ގުޅޭގޮތުން އޭޖީ އޮފީހުން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 611 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ “އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް” އިތުރަށް ތަފްޞީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމަށް ކަމަށެވެ.
އެގޮތުން، މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުރީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ ޢަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް ބިލުގައި ހުށަހަޅާފައިވާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.



