ޚަބަރު

ހެލްތު މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އަބްދުﷲ އަމީން ހެލްތު މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހެލްތު މިނިސްޓަރ އަމީން އިސްތިއުފާ ދެއްވީ، ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީގައި އަމީން ވިދާޅުވީ، މަޤާމުން ދުރުކުރުމަށް ވާންކުރުމަކީ ކޮންމެހެން އެމަނިކުފާނަށް އަމާޒުވާ އެތިފަހަރެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އަދި އިސްތިއުފާ ދެއްވަނީ، މި ހާލަތާއި ގުޅިގެން ރައިސްއާއިއެކު ކުރި މަޝްވަރާއިން މި ހާލަތު ވަޒަން ކުރެވޭތީ، މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު މަޤާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރެވޭތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކޮވިޑާއިއެކު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ، ރާއްޖެއަކީ ސިޔާސީ ގޮތުން ހަލަބޮލި ވާދަވެރިކަންވެސް ބޮޑު ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޤައުމަށް ލިބެންޖެހޭ ހަޤީޤީ ކުރިއެރުމަށް އެތައް ހުރަސްތަކެއް ކުރިމަތިވާ ކަމަށްވެސް މިސިޓީގައި ވިދާޅުވެފައިވެއެވެ.

އަމީން އިސްތިއުފާދެއްވާފައިމިވަނީ، ކޮވިޑް 19 ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށް ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުގެ މައްސަލާގައި އޭނާ މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ 24 މެމްބަރެއްގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވައްދާފައިވަނިކޮށްނެވެ.

އެމް.ޑީ.ޕީ މެމްބަރުން އެ މައްސަލަ މަޖިލީހަށް ވެއްދީ، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޕާލިމެންޓްރީ ގުރޫޕްގައި ނެގި ވޯޓު ފާސްނުވުމާ ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close