ޚަބަރު

ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައި ވަނީ، ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް – ރައީސް

ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައި ވަނީ، ތިމާގެ ނަފްސާނީ ދުޅަހެޔިކަމުގެ މައްޗަށް ކަމަށާއި ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް، ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ އެއީކަމުގައި  ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ވޯލްޑް މެންޓަލް ހެލްތު ޑޭ އާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިޔު އެޗްއޯއިން ކުރިޔަށް ގެންދިޔަ، ދަ ބިގް އިވެންޓް ފޯރ މެންޓަލް ހެލްތުގައި ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖުގައެވެ.

ރައީސުލްޖުމުހޫރިއްޔާ ދިވެހި ބަހުން ދެއްވި މި މެސެޖުގައި ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ޤާއިމް ކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށެވެ. މިގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ، ސެންޓަރ ފޯ މެންޓަލް ހެލްތާއި، އަމިއްލަ ކުލިނިކާއި، ހަސްފަތާލުތަކުން އާސަންދަ މެދުވެރިކޮށް މިފަދަ ބަލިތަކަށް ބޭނުންވާ، ބައެއް ޚިދުމަތްތައް ފޯރުކޮށްދެވެމުން ދާކަން ރައީސް ފާހަގަކުރެއްވިއެެވެ. އަދި އަތޮޅުތަކުގައިވެސް މިޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާއިރު، މިފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ދަނީ ފިޔަވަޅުތައް އަޅަމުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ނަފުސާނީ ބަލިތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަން ޔަޤީންކޮށްދެއްވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ. ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަން، ހަނދާންކޮށްދެއްވައި، މިއީވެސް ސީރިއަސް އަދި ކަންބޮޑުވާންޖެހޭ ބަލިތަކެއް ކަމުގައި ދެކި، އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން، އެކަނިވެރިވިޔަ ނުދީ، އެމީހުންނާއި އެކު ތިބިކަން އަންގައިދީ، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close