ޚަބަރު

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 54 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 54 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 50 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 4 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 24 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9939 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 67 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8597 އަށް އަރާފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1301 އަށް އަރާފައިވާއިރު 645 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 87 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާމީހުންނަށް ބަލާލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 3 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެކަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށާއި، 80 މީހަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ.ވިލިނގިލީގައި 3 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1456 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 144،928 ސާމްޕަލް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 26 ރިސޯޓަކުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 26 ދިވެއްސަކަށާއި، 14 ބިދޭސީންނަށް ކޮވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 14 ފަތުރުވެރިއަކާއި، 34 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close