އަފްހަމްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
ސްރީލަންކާގައި މަރުވެފައި އޮއްވަ ފެނުނު ދިވެހި ޒުވާނާ އަފްހަމް ނަސީރުގެ ޕޯސްޓު މޯޓަމް ހަދަން ނިންމައިފި އެވެ.
ދ. މީދޫއަށް އުފަން އުމުރުން 23 އަހަރުގެ އަފްހަމް މަރުވެފައި އޮއްވަ ފެނުނީ ލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުގެ ރޭލު ދަގަނޑެއްގެ ކައިރީގައި އެވެ. އޭނާ މަރުވެފައި އޮތް ސަރަހައްދުގައި އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވެ އެވެ.
އަފްހަމްގެ ގާތް މީހަކު ދިވެހި މީޑިއާގައި ބުނީ އަފްހަމްގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ ހަށިގަނޑުގައި ޒަހަމްތަކެއް ކުރުމުން ކަމަށެވެ. އަދި އެކަން މިހާޜު އާއިލާއަށް ލަންކާ ފުލުހުން އަންގާފައިވާ ކަމަށެވެ.
ފުލުހުން ވަނީ އަފްހަމް ދިރިއުޅޭ ގެވެސް ބަލާ ފާސްކޮށްފަ އެވެ.
އަފްހަމް އެންމެ ފަހުން އާއިލާއަށް ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ އިއްޔެ އެވެ.
ލަންކާ ފުލުހުންނާއި ހަވާލާދީ އަފްހަމްގެ އާއިލާއިން މީޑިއާގައި ބުނީ އެތަނުން ފެނުނު ދެމީހުންގެ ހަށިގަނޑުގެ ތެރެއިން އެކަކީ އަފްހަމްކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި ކަރުގައިވެސް ވަޅި އަޅާފައި ހުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
މި ހާދިސާ އާއި ގުޅިގެން ލަންކާ ފުލުހުން ވަނީ ކްރައިމް ސީންގެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑުގައި ކައިރީ ފުލުހުން ހަރަކާތްތެރިވާ ތަނާއި ދަބަހެއްގެ އިތުރުން ވަޅިއެއް ބިން މަތީގައި އޮއްވަ އެވެ.
މިކަމާއި ގުޅިގެން ރަސްމީކޮށް ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އަދި އެއްޗެއް އަންގާފައެއް ނުވެ އެވެ.

