ކޮވިޑްގައި 41 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ކޮވިޑް-19 ޖެހިގެން 41 އަހަރުގެ ދިވެއްސަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ އެވެ. މިއަދު ނިޔާވެފައި ވަނީ އަންހެނެކެވެ.
މިއީ ރާއްޖެއިން މި ބަލީގައި މިހާތަނަށް ނިޔާވި އެންމެ ޒުވާން ދިވެހި މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 9:34 ހާއިރު މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ މީހެއްކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިއީ ރާއްޖެއިން ބަލީގައި ނިޔާވީ 24 ވަނަ މީހާއެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް މި ބަލީގައި ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5,909 އަށް އަރާފައެވެ. މީގެ ތެރެއިން 2,401 މީހަކަށް ދަނީ އަދިވެސް ފަރުވާދެމުންނެވެ.
ރާއްޖޭގައި މި ބަލި ޖެހޭ ދިވެހިންގެ އަދަދުތައް ރެކޯޑް މިންވަރަކަށް މިހާރު އިތުރުވަމުންދާއިރު، މި ބައްޔަށް ފައްސިވި ދިވެހިންގެ އަދަދު މިހާރު ވަނީ 3,323 އަށް އަރާފައެވެ.

