ރިޕޯޓު ސަރުކާރަށް ރަސްމީކޮށް ލިބުނީމަ،ފިޔަވަޅު އަޅާނެ
ކޮވިޑް-19 ގުޅިގެން ސަރުކާރުން ގެންނަން ނިންމި ވެންޓިލޭޓަރު ގެނައުމަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން ހިންގާފައިވާ ކަރަޕްޝަންގެ ޢަމަލުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓު ސަރުކާރަށް ރަސްމީކޮށް ލިބުނީމަ، ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.
އަދި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު އެއްވެސް ފަސް ޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދުބާއީގެ “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ.
ހެލްތު މިނިސްޓްރީން ވަނީ މުޅި ޖުމްލަ 305،975 ޕީޕީއީ ގަތުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި ފައިސާ ގަތުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑަށެވެ. އަދި ތަކެތި ގަތުމަށް އެޑްވާންސްކޮށް ފައިސާ ވެސް ވަނީ ދައްކާފައެވެ.
ވެންޓިލޭޓަރު ގެންނަން ދުބާއީގެ “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ހަވާލު ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިމެނޭތީ އެ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ.

