ނ. އަތޮޅު ހޮސްޕިޓަލުގައި މެންޓަލް ޚިދުމަތާއި އަދި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ “މެންޓަލް ހެލްތު” ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ދެ ޚިދުމަތަކީ ވެސް އެ އަތޮޅުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި، ފަންނީ މާހިރުންގެ ބެލުމުގެ ދަށުން ދެވޭނެ މުހިއްމު ޚިދުމަތްތަކެކެވެ.
ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު މައިމޫން ވިދާޅުވީ، އަލަށް ފެށުނު ޚިދުމަތްތަކާއެކު އަތޮޅުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ކައިރި މުސްތަޤުބަލެއްގައި އެ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
ޞިއްޙީ ވަޒީރު ނ. އަތޮޅަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި މަނަދޫގެ އިތުރުން މާފަރު، މާޅެންދޫ އަދި މިލަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ރަށްރަށުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ރަށަކަށް ލެބޯޓްރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

