މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑަރޝިޕް އެވޯޑް 2021 އަށް ޑރ.ޝަހީމް އިޚުތިޔާރުކުރައްވައިފި
މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން، ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑަރޝިޕް އެވޯޑް 2021 އަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިޚުތިޔާރުކުރައްވާފައިވާކަން އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެފަދައިން ވިދާޅުވެފައިވަނީ، މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ، ” މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން، ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑަރޝިޕް އެވޯޑް 2021 އަށް އަޅުގަނޑުގެ ނަން އިޚުތިޔާރުކުރައްވާފައިވާކަން ޔުނިވަރސިޓީއިން މިއަދު އަންގަވާއިވާތީ މި އުފަލުގައި އެންމެހާ އެކުވެރިން ބައިވެރިކުރަން. ” މިފަދައިންނެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ޑރ. ޝަހީމްގެ ނަން ހިމެނިފައިވެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ރާއްޖޭގެ ދީނީ މަޝްރަޙުގައި ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތްތެރި ޝަޚުޞިއްޔަތެކެވެ.
ޑރ. ޝަހީމް އަދާކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކޮށްފައިވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ރަނިންގ މޭޓަކީވެސް ޑރ. ޝަހީމް އެވެ.

