ޚަބަރު

“ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން” ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމަށް “ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން” ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވައިފިއެވެ.

ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިޤްޠިޞާދީ ހާލަތާއި، އިޖުތިމާޢީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މަޢުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުންވެސް އެ ކޮމިޝަނުގެ މައިގަނޑު މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަޤްޞަދުގައެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެހެނިހެން ޤަވާޢިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ ބޭފުޅުންނަކީ:-

ޑޮކްޓަރ ޢާފިޔާ ޢަލީ (ވާރުގެ، ސ. ހުޅުދޫ)

ޑޮކްޓަރ ޢަބްދުލްމަލިކް (މއ. ކޮށީގެ)

އަލްއުސްތާޛު ޢަބްދުﷲ ރާބިޢު (ގަލްގާސްގެ، ކ. ދިއްފުށި)

އަލްއުސްތާޛާ މާޒިޔާ ޢަބްދުއްސައްތާރު (ގ. ސާޔާ)؛ އަދި

މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީ (އޮސްޓްރޭލިއާ) އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަނުގެ ރައީސާގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ ޢާފިޔާ ޢަލީއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީއަކީ އިންސާނީ ޙައްޤުތަކާއި ޝަރުޢީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޮރ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއަރއެވެ. އަދި، އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސްގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ، އަދި މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ޙައްޤުތަކާއިބެހޭ މުޝީރެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިއަދުވަނީ ޢަމަލުކުރާން ފަށާފައެވެ. މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދީންގެ ޙައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ.

އަދި، ކުޑަކުދީންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close