މެމްބަރު އަޙްމަދު ޢީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށައަޅައިފިކަމަށް ވަރަށް ގިނަނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
“އޮންލައިން ނޫސް ވަގުތު” ގައި ބުނެފައިވަނީ މި މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. އީސާ ދިރިއުޅޭ އިމާރާތުގައި އުޅޭ މީހަކު ބުނީ، ރޭ ދަންވަރު އެކެއް ޖެހިހާއިރު އީސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށް އެނޫހުގައި ބުނެފައިވެއެވެ.
އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބްރައީސް ފައިސަލް ނަސީމްގެ ކޮއްކޮފުޅު އަސްރާ ނަސީމްއާއެވެ.
ފުލުހުންގެ އެހީގައި އިސާގެ އަނބިކަނބަލުން ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް ވަގުތުނޫހުގައި ބުނެފައިވެއެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އޭނާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލަ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވިޔަސް އަދިމީހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ފުލުހުންގެ އުސޫލުތައް އޮންނަ ގޮތުން، ތުހުމަތު ކުރެވޭ އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރެއެވެ.

