ބޯޑަރު ހުޅުވާލިފަހުން އެއްޤައުމަކުން އެންމެގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުން
ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން އެއްޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެއީ އެއީ 258 ފަތުރުވެރިންނެވެ.
މޯލްޑިވްސް އިމިޤްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 1769 ފަތުރުވެރިންނެވެ.
ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް
އެމެރިކާއިން 189 ފަތުރުވެރިން
ޔޫއޭއީ އިން 143 ފަތުރުވެރިން
ޖަރުމަނުވިލާތުން 135 ފަތުރުވެރިން
ސްވިޓްޒަލޭންޑުން 79 ފަތުރުވެރިން
ސްޕެއިންއިން 62 ފަތުރުވެރިން
ފްރާންސްއިން 58 ފަތުރުވެރިން
ރަޝިޔާ 58
އިޓަލީއިން 44
ފިލިޕީންސްއިން 43
އެހެނިހެން ޤައުމުތަކުން 700 ފަތުރުވެރިން
ޖުލައިމަހު އެއްދުވަހަކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މިދުވަހު ރާއްޖެއަށް 218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރީ ޖުލައިމަހުގެ 22 ވަނަ ދުވަހުއެވެ. އެއީ ޖުމްލަ 32 ފަތުރުވެރިންކަމަށް އިމިޤްރޭޝަންގެ ތަފާސް ހިސާބުން ދައްކައެވެ. ބޯޑަރު ހުޅުވާލި ދުވަސްކަމަށްވާ ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކުރީ 80 ފަތުރުވެރިންނެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ރިސޯޓްތައްވެސް ވަނީ ފަތުރުވެރިންނަށް ޙިދުމަތްދޭން ހުޅުވާފައެވެ. ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ 61 ރިސޯޓެއް އަލުން ހުޅުވާ ޙިދުމަތް ދޭން ވަނީ ފަށާފައެވެ. ބޯޑަރު އަލުން ހުޅުވާލި ދުވަހުވެސް 32 ރިސޯޓެއް ވަނީ ހުޅުވާފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

