އަނެއްކާވެސް ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައިފި
ކޮވިޑްގެ ދަތިކަމާއެކުވެސް އަނެއްކާވެސް ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ބޯޑަރު މިއަދު އަލުން ހުޅުވާލިއިރު އެންމެ ފުރަތަމަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.
ޤަތަރު އެއަރވޭސްގެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 8:25 ގައެވެ. މި ފްލައިޓުން ރާއްޖެ އައި 128 ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ޤަތަރު އެއަރވޭސްގެ ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ. ރާއްޖެއަށް އައުމަށް ޤަތަރު އެއަރވޭސްއިން ފުރަތަމަ ޝެޑިއުލްކޮށްފައިވާ އޭ ތްރީ ޓުވެންޓީ މަރުކައިގެ ބޯޓެއް ކަމަށެވެ. މިއީ ގާތްގަނޑަކަށް 140-170 އާއި ދެމެދުގެ އަދަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ.
ރާއްޖެއަށް އޮތް ޑިމާންޑު ބޮޑުވެ، ޤަތަރު އެއަރވޭސްއިން ފަހުން ވަނީ ރާއްޖެއަށް ކުރާ ދަތުރުގައި އޭ ތްރީ ފިފްޓީ މަރުކައިގެން ބޯޓެއް ބޭނުން ކުރުމަށް ނިންމާފައެވެ.
މިއީ ގާތްގަނޑަކަށް 300-350 ދެމެދުގެ އަދަަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ.މި ފްލަައިޓުގައި ރާއްޖެއަށް އައިސްފައިވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ.


