ޚަބަރު

ރައީސް އެޅުއްވި ކުއްލި ފިޔަވަޅަށް އެތައްބައެއްގެ ތަޢުރީފް

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި މެދު ތުހުމަތުކުރެވޭ ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ މުވައްޒަފުންނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެމީހުންގެ އަޑު ސީދާ އެމަނިކުފާނު އެއްސެވުމަށްފަހު އެޅުއްވި ކުއްލި އެހާމެ އަވަސް ފިޔަވަޅަށް ޢާޢްމުންގެ އެތައްބައެއްގެ ތަޢުރީފްތައް ދަނީ ލިބެމުންނެނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަނިޔާ ލިބުނު މީހުންގެ އަޑު އެމަނިކުފާނު ކަނުލައި އަޑުއެއްސިއެވެ. އަދި ވާހަކަތަކާ ގުޅިގެން އެމަނިކުފާނަށް ވަރަށްބޮޑަށް އަސަރުކޮށް، ކީރިތިވެސް ކުރެއްވުނު ކަމަށްވެއެވެ.

ބެލެވޭގޮތުގައި ރައީސް ސޯލިޙް އެފަދަ ކުއްލި ނިންމުމެއް އެ ނިންމެވީ އެވާހަކަތަކުން އެމަނިކުފާނަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެމަނިކުފާނު ވަނީ އެކަމަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

އަނިޔާލިބުނު ބައެއް މުވައްޒަފުން ނޫސްތަކަށް މަޢުލޫމާތު ދީފައިވާގޮތުގައި ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް މިނިސްޓަރ ޢަލީ ވަޙީދު އެކި ފަހަރުމަތިން ޖިންސީ ފުރައްސާރަކޮށްފައިވެއެވެ. ބައެއް މީހުންނަށް މި އަނިޔާ ލިބެމުން އަންނަތާ އެތައް ދުވަހެއްވަނީ ވެފައެވެ. މިކަން އެންމެ ބޮޑުވެގެން ދިޔައީ ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުގައި އޮތް ދުވަސްވަރުކަމަށްވެސްވެއެވެ.

މީގެއިތުރުން އެމިނިސްޓްރީގެ މުވައްޒަފުންނާއެކު ރިސޯޓްތަކަށް މިނިސްޓަރ ކުރެއްވި އެކި ދަތުރުތަކުގައިވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށާ، އެއް މުވައްޒަފަކަށް މިނިސްޓަރ ޖިންސީ އަނިޔާކުރަން އުޅުމުން އެކަމުން ސލާމަތް ވުމަށް ވޯޓާ ވިލާއިން މޫދަށް ފުންމާލިކަމަށްވެސް ބައެއް މީހުންނާ ޙަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ފޯނުކޮށްގެންނާއި މެސެޖުން މިނިސްޓްރީގެ އެތައް އަންހެން މުވައްޒަފުންނަށް މިނިސްޓަރ ޖިންސީގޮތުން ފުރައްސާރަ ކޮށްފައިވާކަމަށްވެސްވެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ފަރާތުން ޖިންސީ އަނިޔާގެ ޝިކާރައަކަށްވި މުވައްޒަފުން ހިމެނޭހެން އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި މި ވާހަކަތައް ތަފްސީލުކޮށް އެމަނިކުފާނަށް ދަންނަވާފައެވެ. އަދި ޖެންޑަރ މިނިސްޓަރާއިވެސް އެމީހުންވަނީ މިވާހަކަތައް ހިއްސާކޮށްފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައިވާތީ މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަލީ ވަޙީދަށް ވަނީ އަންގަވާފައެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭއިރު މީގެ ކުރިން ދައުލަތުގެ ވަޒީރަކާއި ގުޅޭގޮތުންވެސް ބަދުއަޚްލާޤީ ވާހަކަތަކެއް ދައްކާފައިވާ އޯޑިއޯތަކެއްވެސް ލީކުވެފައިވެއެވެ.

އަލީ ވަޙީދުގެ މި މައްސަލަތައް ފުލުން ބަލަމުންދާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close