ޑަބްލިއުއެޗްއޯ އިން އެމެރިކާ ވަކިވުމަށް ޓްރަމްޕް ނިންމަވައިފި

އެމެރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އަށް ކުރަންޖެހޭ ޚަރަދު މާބޮޑުވާތީ އެ ޖަމްއިއްޔާގެ މެމްބަރުކަމުން ވަކިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ޗައިނާއަށްވުރެ ބޮޑު ޚަރަދެއް އެމެރިކާއިން ކުރަންޖެހޭ ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް އެމެރިކާ ކުރާ ޚަރަދު ކުޑަކުރުމަކީ އެ ޖަމިއްޔާގެ މެމްބަރުކަމުން ވަކިނުވެވެސް އެމެރިކާއަށް ކުރެވިދާނެ ކަމެކެވެ. އެމެރިކާ އދ. އަށް ވެސް އެހެން ގައުމުތަކަށް ވުރެ ބޮޑަށް ޚަރަދު ކުރަނީ އެމެރިކާގެ ބާރާއި ނުފޫޒު އެތަންތަނަށް ހިންގުމުގެ ހަތިޔާރެއްގެ ގޮތުންނެވެ.
އެމެރިކާ، ޑަބްލިޔު.އެޗް.އޯއިން ވަކިވުމުގެ ސަބަބުން އެ ޖަމިއްޔާގެ ހަރަކާތްތަކަށާއި ޕްރޮގްރާމުތަކަށް ބޭނުންވާ ބަޖެޓް ކުޑަވެ، ބަލިތައް ކޮންޓްރޯލްކުރުމާއި ސިއްހީ ކުއްލި ހާލަތްތަކަށް އިޖާބަ ދިނުންފަދަ ކަންކަމަށް ބުރޫއަރާނެ ކަމަށް ލަފާކުރެވެއެވެ.
އެމެރިކާގެ ރައީސް ކަމުގެ ދެވަނަ ދައުރަށް ޓްރަމްޕް ހޮވިވަޑައިގަތުމަށްފަހު ގެންނެވި ބޮޑެތި ސިޔާސަތުތަކުގެ ތެރޭގައި އެމެރިކާ “ޕެރިސް އެގްރީމެންޓް” އިން ވަކިކުރެއްވުން ހިމެނެއެވެ.
ޑަބްލިޔު.އެޗް.އޯ އިން އެމެރިކާ ވަކިކުރެއްވުމަށް ނިންމެވި ނިންމެވުމަކީ އޭގެ ކުރީގައި ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް ނިންމަވާފައިވާ ކަމެއް ނަމަވެސް، އޭރު އޭނާގެ ވެރިކަން ބަދަލުވެ ބައިޑެން އެކަން ބަދަލުކުރެއްވިއެވެ.



