ޙަސަން ލަތީފްވެސް ޔޯގާ ރައުޔެއް ނެރެފި
ޔޯގާގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅާ ދިމާކޮށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ރައުޔެއް ނެރުއްވައިފިއެވެ.
ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައިވެސް އެއްވެސް ޤާނޫނެއްގައިވެސް އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށާއި އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
”ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައިވެސް އެއްވެސް ޤާނޫނެއްގައިވެސް އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން.“ އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު އެފަދައިން ވިދާޅުވެފައިވަނީ ޔޯގާ އަކީ ޝިރުކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރާއްޖޭގެ އިލްމުވެރިން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
ޔޯގާ އަކީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދާކަމަށާއި ޔޯގާ ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފައިވަނިކޮށް، ރައީސް ނަޝީދު ވަނީ އެއީ އެއްވެސް ހާލެއްގައި ހަރާމް ކަމެއް ނޫން ކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ ދީނީ ހުކުމެއް ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޔޯގާ އަކީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދާކަމަށާއި ޔޯގާ ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ރާއްޖޭގެ މަޝްހޫރު ހުރިހާ އިލްމުވެރިން ވަނީ އިއްތިފާގުވެފައެވެ. އަދި، މިއަދު 104 އިލްމުވެރިންގެ ސޮޔާއެކު ވަނީ ޔޯގާއަކީ ހިންދޫންގެ އަޅުކަމެއް ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ބުނެދީފައެވެ.

