ޚަބަރު

ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މައްކާގެ މިސްކިތްތައް ހުޅުވާލަނީ

ސައުދީން ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވިނަމަވެސް ރައްކާތެރިކަމުގެ މިންގަނޑުތަކާއެކު މައްކާގެ މިސްކިތްތައް ހުޅުވާލަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު 4301 މީހަކު މި ބައްޔަށް އަލަށް ފައްސިވެ، ބަލީގައި 45 މީހަކު ސައުދީން މަރުވެފައި ވެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ވަގުތީގޮތުން ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ފަހުން، މާތްވެގެންވާ މައްކާގެ މިސްކިތްތައް އަލުން ހުޅުވާލުމަށް ސައުދީ އަރަބިއްޔާގެ ކަމާއި ބެހޭ އިދާރާތަކުން ނިންމާފައި މިވަނީ، އެ ސިޓީގެ މިސްކިތްތައް ބަންދުކުރިތާ ތިން މަހެއްހާ ދުވަސްވެފައި ވަނިކޮށެވެ. މި ނިންމުމާއެކު މުސްލިމުންގެ މުޤައްދަސް މަސްޖިދުލް ޙަރަމް ވެސް އާންމުންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީ އާއި ހަވާލާދީ އެޤައުމުގެ ސްޓޭޓް ޓީވީ ޗެނަލަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ކޮވިޑް-19 އާއި ގުޅިގެން މައްކާއިން ބަންދުކޮށްފައިވާ މިސްކިތްތައް ހިމެނޭހެން މުސްލިމުންގެ 1500 އަށްވުރެ ގިނަ ބިނާ އާންމުންނަށް ހުޅުވާލުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ޗެނަލުން ވަނީ މިސްކިތްތައް ހުޅުވާލުމަށް ތައްޔާރުވެ، މައްކާގެ ބައެއް މިސްކިތްތައް ޑިސްއިންފެކްޓު ކުރާ މަންޒަރު ފެންނަ ވީޑިއޯވެސް އާންމުކޮށްފައެވެ.

މައްކާގެ މިސްކިތްތައް ހުޅުވާލުމަށް ނިންމާފައި މިވަނީ، ޖުލައި މަހުގެ ފަހުކޮޅު ފެށޭ ހައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރާއި ވެސް ދިމާކޮށެވެ. ނަމަވެސް ޤައުމުތަކަށް ހުޅުވާލައިގެން ހައްޖުގެ އަޅުކަން ކުރިޔަށްގެންދިއުމާއި މެދު ގޮތެއް ނިންމާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހާލަތަށް ބެލުމަށްފަހު ކަމަށް ވެއެވެ.

މައްކާގެ މިސްކިތްތައް ހުޅުވާލަން ހަމަޖެހިފައި މިވަނީ، މިދިޔަ މޭއި މަހުގެ ތެރޭގައި ސައުދީގެ އެހެން ސަރަޙައްދުތަކުގެ މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނިކޮށެވެ. މިސްކިތްތައް ހުޅުވާލިނަމަވެސް، ޖަމާޢަތް ހެދުމުގައި އާއި މިސްކިތްތަކުގައި އުޅޭއުޅުމުގައި އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކެއް ސައުދީ ސަރުކާރުން ވަނީ އެކުލަވާލާފައެވެ.

ދުނިޔެއިން 16 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ސައުދީން މިހާތަނަށް ޖުމްލަ 150,292 މީހަކު މި ވައިރަސް އަށް ފައްސިވެ، އޭގެތެރެއިން 1184 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 95,764 ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުންދާ 53,344 މީހުންގެ ތެރެއިން 1,941 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close