ޚަބަރު

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 16 ވަނަބައި

15 ވަނަބައި ކިޔާލުމަށް ………

މިހާރު ރީޝްމެން ދަތުރުކުރަމުން ދާ ދޯނި ކުޑަފަރި ފަސްދީ ހިނގައްޖެއެވެ. ދެން މާކަ ގިނަ އިރެއް ނުވެ ތޮޅެންދުވަށް ލެފިދާނެއެވެ. ހުޅަނގު ފަރާތު އުދަރެހުގައި އަނދުން ކޫރެއް ދަމާލިތަން މާއިޝްއަށް ފެނުނެވެ. އިސާހިތަކު އެ އަނދުން ކޫރު ހުޅަނގުފަރާތް ބައްދާލިއެވެ. މިހާރު އެއީ ބޮޑު ކަޅު ވިލާގަނޑެކެވެ. ވިލާގަނޑުގެ ވައި އައީ ފަތުއަޑު ކިޔާފައެވެ. ކަނޑުގެ ލޮނުގަނޑުގައި ރާޅު އުފައްދާލިއެވެ. ރާޅުތައް އެގޮތް މިގޮތަށް ހެލިފެލިވާން ފެށިއެވެ. ކަނޑު ގަދަވެ މޫސުން ގޯސްވެއްޖެއެވެ. މުޅި އުޑުމަތި ވަނީ ބަނަވެފައެވެ. ދޯނިމަތީގައި އަޑުތައް ގަދަވާން ފެށިއެވެ. ދޯނި ހަލުވާވަރުން ކުރިއަށް ދުއްވެނީ ވެސް ވަރަށް މަޑުންނެވެ.

ވިލާގަނޑުގެ ތެރެއިން އުނައިޝްގެ ސޫރަ މާއިޝްއަށް ފެނުނެވެ. ކުރެވުނު މޮޅުކަންތަކުގެ ސަބަބުން އޭނާގެ މޫނުން އުފާވެރިކަން ފާޅުވޭވެ ހުއްޓެވެ. ފަތަހައިގެ ހިނިގަނޑަކާއެކު އުނައިޝް ވާހަކަދައްކަން ފެށިއެވެ. “އަހަރެންގެ ކުޅަދާނަކަން މިހާރު މާއިޝްއަށް އިނގިއްޖެކަމަށް ހީކުރަން. ދެންވެސް އަހަރެންގެ މަގުން އެއްކައިރިއަށް އެރުން ބުއްދިވެރިކަމަށް އަހަރެން ދެކެން.”

ކުއްލިއަކަށް މި ކުރިމަތިވި ކަންތައްގަނޑުން ސަލާމަތްވާނެ ގޮތެއް ރޭވުމަށްޓަކައި އުނައިޝް މަޑުމަޑުން ހުއްޓެވެ. އަދި އުނައިޝްއަށް ބުންޏެވެ. “މި ދޯނީގައި ކުށެއް ނެތް އެތައް އިންސާނުންނެއް އެބަތިބި. އޭގެ ތެރޭގައި ކަލޭގެ ލޯބިވެރިޔާވެސް އެބަ އިން. މިކައްތައްގަނޑުގެ ތެރޭގައި އޭނާގެ ދުވަސް ވެސް ހިނގައިދާނެ”

އެވަގުތު އުނައިޝް މަލާމާތުގެ ރާގެއްގައި ހީގަތެވެ. އަދި ބުންޏެވެ. “ލޯބިވެރިޔާއޭ! އަހަރެން އިންސާނެއް ދެކެ ލޯބި ވެދާނެކަމަށް މާއިޝްއަށް ހީވީ ކީއްވެ؟ އެ ގަމާރުންގެ ތެރެއިން ގަމާރަކާ އަހަރެން ހިތާވާނެތަ؟ ހައް ހައް ހާ! އެއީ ރީޝްގެ ދުވަސް ދުއްވާލަން ފަސޭއަހަކަށް އަހަރެން ހެދިގެން އުޅޭ އުޅުމެއް. އަހަރެން ނިއަމް ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ! އެހެން ނޫނަސް ރީޝްގެ ދުވަސް ދުއްވާލުމަށްޓަކައި އަހަރެންގެ ލޯބިވެރިޔާ ވިޔަސް ގުރުބާން ކުރާކަށް އެއްވެސް ޖެހިލުމެއް ނުވޭ! ބޭނުންވަނީ ރީޝްގެ ދުވަސް ދުއްވާލަން!” އެއަށް ފަހު އުނައިޝްގެ ވާތް މުށްކެވުމަށްފަހު މައްޗަށް ހިއްލާލިއެވެ. އަދި ޝަހާދަތް އިނގިއްޔާއި ކުޑަވާ އިނގިލި ހުޅުވާލާ މައްޗަށް ހިއްލަލިއެވެ. އެވަގުތު ހީވީ މަތިން ފެންއެއްޗެއް އޮއްސާލިހެންނެވެ. ރާސްލައިފައި އައި ވާރޭގެ ތިކިތައް މުޅި ދުނިޔެ ބައްދާލިއެވެ. ކައިރީގަ ހުންނަ މީހާވެސް ނޭނގޭހާ، ބޯކޮށް ވާރޭ ވެހިގަތެވެ. ދޯނީގެ ކައްޕިއަށް ޖެހުނީ ގިޔަރު ކަނޑާލާފައި ދޯނި ދާނެ ދިމާއަލަކަށް ދާން ދޫކޮށްލާށެވެ. 

ދޯނީގައި ތިބި މީހުން، ދަންނަހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ. ބައެއް މީހުން ހޮޑުލެވޭ ވަރުން ބޮލެއް ނުނެގެއެވެ. ދޯނީގައި ތިބި ހިތްވަރުގަދަ މީހުން، ހާލަތު ކޮންޓްރޯލުކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. މާއިޝް އަވަސްވެގަތީ ރީޝްއާއި ނިއަމްގެ ހިތްހަމަޖައްސައިދެވޭތޯ ބަލާށެވެ. ރީޝް އިނީ ބިރުން ގޮސް ތުރުތުރު އަޅައަޅައެވެ. ނިއަމް ވެސް ހަމަ އެފަދައެވެ. މިހެން އުޅެމުންވެސް މާއިޝް ބަލަމުން ދިޔައީ ރަނގަޅު ދަނޑިވަޅެއް ލިބޭތޯއެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާއިޝްއަށް ފުރުސަތު ލިބުނެވެ. އެވަގުތު، މާއިޝް އަވަސް އަވަހަށް ދޯނީގެ ދިރުނބާކޮޅަށް ނުކުތެވެ. އަދި ވައިގެތެރޭގައި ކަނާތުން ފަޅިބުރެއް ކުރަހާލިއެވެ. ދެން ހީވީ އެދިމާލުން އުޑުކެނޑުނު ހެންނެވެ. ކުއްލިއަކަށް މުޅި ދުނިޔެމަތި އަލިވެގެން ދިޔައެވެ. ވިއްސާރައިގެ އަސަރުތައް ކަނޑައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ކަނޑުވެސް ހަމަ އިސާހިތަކު މަޑުވެއްޖެއެވެ. މިވާގޮތްތަކުގެ ހައިރާންކަން ބޮޑުކަމުން އެންމެންވެސް ލޯ ބޮޑުކޮށްކޮށްފައި އެކި ދިމާލަށް ބަލަމުން ގެއްދިޔައެވެ. ކުއްލިކުއްލިއަށް މިވާ ގޮތްތަކުގެ ސަބަބުން މީހުންތައް އާޝޯޚުވެއްޖެއެވެ. މީހުން އެންމެ އަޖައިބުވީ ވެހުނު ވާރޭގައި ލޮނުރަހަ ލާތީއެވެ. ވާރޭފެނުގެ އެއްވެސް އަސަރެއް އޭގައި ނެތެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި މިމުސީބާތުން ސަލާމަތްވި ކަމަށްޓަކައި އެންމެންވެސް މާތް ﷲ އަށް އަމްދާއި ޝުކުރު ކުރިއެވެ.

ދަތުރު އަލުން ފަށަންވެގެން ކައްޕި ބަލައިލިއިރު ދޯނި މިއޮތީ ތޮޅެންދޫ ބޭރާ ހަމައަށް އައިސްފައެވެ. ކަނޑުގައި އޮތީ ތޭލާން ލައިފައެވެ. ދެންމެ ބޮޑު ތޫފާނަކާ ކުރިމަތިލި ތަނެއްހެން ވެސް ހީނުވެއެވެ. ދޯނި އައިސް ތޮޅެންދޫ ފަޅުތެރެއަށް ނަގިލި ވައްޓާލިއެވެ. ފަޅުވެރި ކުއްޖަކު ނުކުމެ، ފައްތިޔާ ގެނެސް، މީހުން ބާލަން ތައްޔާރު ކުރިއެވެ.

އެތައް ދުވަހަކަށްފަހު އުފަން ރަށަށް އާދެވުމުން ޙަސީނާއަށް ވަނީ ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރުވާފައެވެ. ރަށުގެ ހިތްގައިމު ދޮންވެލި ތުނޑީގައި ފައި ޖެހުމާއެކު، މާޒީގެ ހަނދާންތައް ނިއުޅެން ފެށިއެވެ. އުފަލާއި ހިތާމައިގެ ހިނދުކޮޅުތައް ލޯކުރިމަތީގައި ނިއުޅެމުން ދިޔައިރު، ހީވަނީ ސްކްރީނެއްގައި އަޅުވާފައިވާ ފިލްމެއް ފެންނަ ހެންނެވެ. ޅައުމުރުގައި ބަތްކައްކާ ކުޅުމުގައާއި ފިއްލަފިއްލަ އާއި ގަނޑޯގަނޑޯ ކުޅުމުގައި ހޭދަވީ އުފާވެރި ދުވަސްތަކެވެ. އެދުރުދައިތަގެ ގެއަށް ފިލާ ހިފައިގެން ޤުރުއާން ކިޔަވަން ހިނގި ދުވަސްތަކެވެ. އެންމެ ފުރަތަމަ ކުރި ކައިވެންޏާއި ޒުވާން އުމުރުގެ ހިތްގައިމު ދިރިއުޅުމެވެ. އެންމެފަހުން ޙަސީނާގެ ޙަޔާތް އެފުށް މިފުށަށް ޖެހި، އަލަތު ދަރިފުޅާއި އަލަތު ފިރިމީހާއާ ވަކިވެގެންދިޔަ ރޭގެ ބިރުވެރި، ހިތްދަތި ހަނދާންތައް ލޮލުގެ ކުރިމަތިން ދައުރުވާން ފެށުމާއެކު، ޙަސީނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނައިގެ ސައިލެއް ކޯތާފަތްމަތިން ދެމިގަތެވެ. ޙަސީނާއަށް އަންނަމުން ދިޔަ ބަދަލުތައް، ދާދި ގާތުގައި ހުރި ޙަސީނާގެ ފިރިމީހާ، އަހަންމައިދީއަށް ފެނުނެވެ. ޙަސީނާގެ ލޮލުން އޮހޮރިގެން ދިޔަ ކަރުނަތައް އަހަންމައިދީގެ ދެއަތުން ފޮހެދިނުމަށް ފަހު، ޙަސީނާގެ އަތުގައި ހިފައިގެން މަޑުމަޑުން އެއްގަމަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ޙަސީނާއަށް މިވީ ގޮތަކާމެދު ފިކުރުކުރަމުންނެވެ. ޙަސީނާއަށް އެވީ ގޮތަކާ ބެހޭގޮތުން ސުވާލުކުރަން އަހަންމައިދީ ހިތަށް އެރިއެވެ. އެހެން ނަމަވެސް ރަނގަޅަށް ހަމަޖެހިލުމަށް ފަހު ނޫނީ އެސުވާލު ނުކުރަން ނިންމިއެވެ.

ހަސީނާއަށް އަހަންމައިދީއާ މެދު ވިސްނާލެވުނީ އިރުކޮޅެއް ފަހުންނެވެ. އަދި އޭނާ ރުއިތަން ފެނުމުން އަހަންމައިދީގެ ހިތަށް އަރާނެ އެއްޗަކާމެދު ވިސްނާލެވުނެވެ. އެކަންތަކާމެދު އަހަންމައިދީ ސުވާލުކޮށްފިއްޔާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަންމައިދީއަށް އޮޅުވާލައިގެން ކިހާ ދުވަހަކު އުޅެވިއްޖެ ހެއްޔެވެ؟ އަދި ވެސް ކަނު އަނދިރީގައި ފިރިމީހާ ބަހައްޓަންވީ ހެއްޔެވެ؟ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޚިޔާލުތައް ގިނަވާން ފެށުމުން އަނެއްކާވެސް ޙަސީނާއަށް ރޮވޭގޮތް ވިއެވެ. އެހެން ނަމަވެސް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހޮރިގަތުގެ ފުރުސަތު ނުދީ އަހަންމައިދީއާއެކު އެއްގަމަށް ދިއުމަށް ހިނގައިގަތެވެ. 

ރަށުގެ ހިތްގައިމު ދޮންވެލީގެ ތުނޑީގައި ފައިޖެހުމާއެކު ކުޑަކުދިންތައް އުފަލުން ފޮޅެމުން، ކޮޅުކޮޅުމައްޗަށް ދުއްވައިގަތެވެ. އެ ހިތްގައިމުކަމުގެ އުފާ ހާސިލުކުރުމަށްޓަކައެވެ. އެކަމުގައި އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކުރަން އެމީހުން ނޭދޭ ފަދައެވެ. އެއް ބަޔަކު ބޯޅަކުޅެން ތައްޔާރުވަމުން ދިޔައިރު އަނެއް ބަޔަކު ތައްޔާރުވަމުން ދިޔައީ ފައިގަތަޅާ ކުޅޭށެވެ. ކުޑަކުދިންތައް އެކުދިންގެ މިޒާޖާ އެއްގޮތަށް އުޅުމަށް ދޫކޮށްލުމަށްފަހު، އެހެން މީހުން އުޅުނީ ގެނައި ތަކެތި ރަށަށް ބާލައި އެތަކެތި ރަމަތަކުރުމުގައެވެ.

ތަކެތި އުފުލަމުން ދިޔައިރު، އެއްބަޔަކު ދައްކަމުން ދިޔައީ އެރަށުގައި މީހުން ވަޒަންވެރިވެ އުޅުނުއިރުގެ ބައެއް ވާހަކަތަކެވެ. ރަށުން މީހުން ފޭބުމުން، ރަށުތެރެ ނާމާންވެފައިވާ ވާހަކައާއި، ކުޑަކުއްޖެއް ރޯއަޑު އިވޭ ވާހަކަ ފަދަ ގޮތް ނޭނގޭ ހާދިސާތަކުގެ ވާހަކައެވެ. މިފަދަ ވާހަކަތައް އެއްބަޔަކު ގަބޫލުރާއިރު، ޒުވާން ފުރާގެ ގިނަކުދިން މިވާހަކަތައް ހެދީ އެއްވެސް ތާކުން ތާކު ނުޖެހޭ ހެއްވާ ވާހަކަތަކެއް ކަމުގައެވެ. މިފަދަ ވާހަކަތައް އެންމެ ބޮޑަށް ގަބޫލުކުރާ އެކަކީ އުމުރުން ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ ބަކުރުބެއެވެ. ޒުވާންކުދިންނަށް އެންމެ ހެއްވާ ވާހަކައަކަށްވީ އެރަށުގައި އެއްވެސް މީހަކަށް ނުވަދެވޭ ހިސާބެއް އޮންނަ ކަމަށް ބަކުރުބެ ބުނާ ވާހަކައެވެ. ޒުވާން ކުދިންގެ ތެރެއިން ބަޔަކު، އެސަރަހައްދު ދައްކަން ދާން ބަކުރުބެ ގާތު އެދުނެވެ.

މެންދުރުގެ ކެއުމަށް އިންސާފުކުރެވެމުން ދަނީއެވެ. ޒުވާނުންނާއި މުސްކުޅިންނާ ދެމެދު ކުރިޔަށް ދިޔަ އަރައިރުން ދިގުލަމުން ދިޔައެވެ. ކޮންމެ ބަޔަކު ވެސް އެބައެއްގެ ކޮޅު ގަދަކުރުމުގައި އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރެއެވެ.

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close