ޚަބަރު

ލޯކަލް މާރުކޭޓް އަންނަ ހަފްތާގައި ހުސްކުރަނީ

މާލޭގެ ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ގޮތުން ވާންޖެހޭ ތައްޔާރީ ތަކުގެ ތެރެއިން އެތަން ހުސްކުރުމަށް އަންނަ ހަފްތާގައި ނޯޓިސް ދޭނެ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފި އެވެ.

އެތަން ހުސްކުރުމުގެ މަސައްކަތް ރޯދަ މަހުގެ ކުރިންވެސް ފެށުމަށް ސިޓީ ކައުސިލުން ވަނީ މަސައްކަތްތަކެއް ކޮށްފަ އިވާއިރު މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓް ތަރައްގީކުރުމަށް އެތަން ހުސްކުރުމަށްޓަކައި ގޮޅިތައް ހިންގާ ފަރާތްތަކަށް އަންނަ ހަފްތާގެ ތެރޭގައި ނޯޓިސް ދޭނެ ކަމަށެވެ.

މާރުކޭޓްގައި ވަރަށް ގިނަ ފަރާތްތަކުން ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ކަން ފާހަގަކުރައްވަމުން ފަޒީން ވިދާޅުވީ 53 ގޮޅިއެއްގައި ބިދޭސީން ވިޔަފާރިކުރަނީ ގަވައިދާ ޚިލާފަށް ކަމަށެވެ. މާރުކޭޓްގައި ގަވައިދާއި އެއްގޮތަށް ވިޔަފާރި ކުރާ ކަމަށް ފާހަގަކުރެވިފައިވަނީ 17 ނޫނީ 20 ގޮޅީގައި ކަމަށްވެސް ވިދާޅުވި އެވެ. މާރުކޭޓް ތަރައްގީކޮށް ގޮޅިތައް އަލުން ބިޑަށްލުމުން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ހައްލުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފަޒީން ވިދާޅުވީ މާރުކޭޓް ހުސްކުރާ ދުވަހުން ފެށިގެން މާރުކޭޓް ތަރައްގީކުރުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. މިވަގުތު ދަތުރުވެރިންގެ މާރުކޭޓްގައި ހުރީ 160 ގޮޅި ކަމަށްވީ ނަމަވެސް އެތަން ތަރައްގީކޮށް ނިމޭއިރު މާރުކޭޓްގެ ގޮޅިތަކުގެ އަދަދު 97 ގޮޅިއަށް މަދުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ސަބަބަކީ މާރުކޭޓް އަލުން ހަދާއިރު މިހާރު މާރުކޭޓްގައި ހުރި ގޮޅިތަކަށްވުރެ އަލުން ހަދާ ގޮޅިތައް ބޮޑެތިވުން ކަމުގައިވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ އެއްބަސްވުން ހަމަވެފައިވާތީ މާރުކެޓްގައި މިހާރު ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ވަގުތީ ގޮތުން ތަނެއް ދޭން ނުޖެހޭނެ މަށެވެ. އަދި ވަގުތީ މާރުކޭޓް ވެސްޓްޕާކުގައި ހަދާފައިވާއިރު އެތަނުގެ ގޮޅިތައްވެސް މިހާރު ހުރީ ވިޔަފާރި ކުރުމަށް އެކިއެކި ފަރާތްތަކަށް ދޫކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ. ދަތުރުވެރިންގެ މާރުކޭޓްގައި ގަވައިދާ އެއްގޮތަށް ވިޔަފާރިކުރާ ފަރާތްތަކަށް ޖާގައެއް ދިނުމަށް ކައުންސިލްގެ ތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފަޒީން ވަނީ ވިދާޅުވެފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދަތުރުވެރިންގެ މާރުކޭޓް ހުރި ސަރަހައްދުގައި ހަތަރު ބުރީގެ އިމާރާތެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close