ޚަބަރު

އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބު 2021ގެ ވޯޓުނެގުން ގިނަ ސަރަޙައްދުތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ވޯޓުލުން ފެށިގެން ކުރިއަށްދިޔަ ނަމަވެސް އެހެން އިންތިހާބުތަކާ ހިލާފަށް މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ކިއޫތައް ހަދަން ފެށީ ލަހުންކަން ފާހަގަކުރެއެވެ. އަދި ބައެއް ސަބަބުތަކާ ހެދި ބައެއް ސަރަހައްދުތަކުގައި އަދި ނުފަށަ އެވެ.

ވޯޓުލުން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މިއަދުގެ ހެނދުނު 7 އިން ހަވީރު 5 އަށެވެ. ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލާން ހާއްސަ ގަޑިއަކީ ހަވީރު 5 އިން 6 އެވެ.

ރާއްޖެ އަދިވެސް ކޮވިޑްގެ ހާލަތުގައި އޮތުމުން، ވޯޓުލުން ކުރިއަށް ގެންދަނީ ގައިދުރުކަމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުކަން ދީގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ފަސްކުރުމަށްފަހު މިފަހަރު ބާއްވަނީ ޚާއްސަ ގާނޫނެއްގެ ދަށުންނެވެ. މި ގާނޫނާއެކު އިންތިހާބު ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން އީސީއިން ވަނީ ގައިޑްލައިންތަކެއް ވެސް އެޗްޕީއޭ އާ ގުޅިގެން އެކުލަވާލާފައެވެ.

މިފަހަރުގެ އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މި އިންތިހާބުގެ ވޯޓުލުމަށް 713 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ހަތަރު ސިޓީއެއްގެ އިތުރުން ހުރިހާ ރަށެއް އަދި އަތޮޅު ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރާއިރު ޖުމްލަ 3،934 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން 2،264 ކެންޑިޑޭޓުން ލޯކަލް ކައުންސިލްތަކަށް ވާދަކުރާއިރު 1،670 ކެންޑިޑޭޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close