ކޮވިޑް ހުއްޓުވުމަށް މީޑިއާތަކުން ކުރާ މަސައްކަތަށް ނައިބްރައީސް ޝުކުރު އަދާކުރައްވައިފި
“ކޯވިޑް ހުއްޓުވާނީ އަހަރެން”ގެ ނަމުގައި މީޑިއާތަކުން ކުރިއަށްގެންދާ މަސައްކަތަށް ނައިބްރައީސް ފައިސަލް ނަސީމް ޝުކުރުއަދާކުރައްވައިފިއެވެ.
ކޯވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުވުމަށް ދިވެހި މީޑީޔާތަކުން އިސްނަގައިގެން އެކުލަވާލި ސްޓިއަރިން ކޮމޮޓީއާއި ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މީޑިޔާތަކުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ނައިބް ރައީސް ވިދާޅުވީ މިހާރު ކޯވިޑް-19ގެ އަދަދުތައް ކޮންމެވެސް ވަރަކަށް މަދު ވެފައި ވީނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް ބަލީގެ ނުރައްކާ ކުޑަނޫންކަން ގަބޫލް ކުރަންޖެހޭކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ދެއްވުމުގައި މިހާރެކޭވެސް އެއްގޮތަށް މިޑީޔާތަކުން މުހިންމު ދައުރެއް އަދާކުރެއްވުމަށް ނާއިބްރައީސް ވަނީ އެދިވަދައިގެންފައެވެ.
މިބައްދަލުވުމުގައި ނާއިބްރައީސް ފައިސަލް ނަސީމް ވަނީ މުޖުތަމުގައި ހުރި މައްސަލަތަކުގެ ތެރެއިން ޒުވާނުންގެ ބޮޑު ޖީލެއް މަސްތުވާތަކެތީގައި ޖެހެމުންދާ މައްސަލައަށް މީޑީޔާތަކުން ޚާއްސަ ސަމާލުކަމެއް ދެއްވައި ހޭލުންތެރިކަން އިތުރު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން އިތުރުކުރުމުގެ މުހިންމު ކަމަށް ބައްލަވާލައްވައި އެކަމުގެ މައުލޫމާތުތައްވެސް ރައްޔިތުންނަށް ހަމަޔަށް ފޯރުކޮށް ދެއްވުމަށް ނާއިބް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ޑިރެކްޓާރ ޖެނެރަލް އޮފް ބަޕްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ ކޯވިޑްގެ މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށް ދިނުމުގައި މީޑިޔާތަކުން ވަރަށް ފުރިހަމަ ދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި މައުލޫމާތުތައް ސައްހަ ގޮތުގައި ހާމަކޮށް ރައްޔިތުން ހޭލުންތެރި ކުރުމުގައި މިޑީޔާތަކުން އަދާކޮށްފައިވާ ދައުރަކީ ޤައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި މައިމޫނާ ވަނީ ސިފަކުރައްވާފައެވެ.
މިބައްދަލުވުމުގައި މީޑީޔާތަކުން ވާހަކަ ދެއްކެވި ބޭފުޅުންވަނީ މިމައުލޫމާތުދެއްވުމުގައި މީޑިޔާތަކުން ވަރަށްގިނަ ބަޔަކު މަސައްކަތް ކުރައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެކަނި ފެންނަ މޫނުތަކުގެ އިތުރުންވެސް ވަރަށް ގިނަބަޔަކު މިކަމުގައި ޝާމިލުވާކަންވެސް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
