ޔޫތު ފުޓްސަލް ޗެލެންޖް 2020 ފަށައިފި
ލަންދޫގައި ޔޫތު ފުޓްސަލް ޗެލެންޖް 2020 ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ނ. ލަންދޫ ސާހް އިބްރާހިމް ސައުދުގެ އިސްނެގުމާއެކު ލަންދޫ ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއެކު ރޭ ފެށި މި މުބާރާތަކީ މިވަގުތު ލަންދޫގައި ތިބި ޒުވާނުން 8 ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މުބާރާތް ކުރިއަށް ގެންދަނީ 8 ޓިމް 2 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ރެއަކު ދެމެޗް ކުޅޭގޮތަށެވެ. މުބާރާތުގެ 2 މެޗް ރޭގައި ކުޅެފައިވެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ވައިޓް ހޯސްއާއި ކްލަބް ރޭޖްއެވެ. މިމެޗް 3-0 ން ކާމިޔާބުކުރީ ވައިޓް ހޯރސްއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަށް ހޮވިފައިވަނީ ވައިޓް ހޯރސްގެ ހަބީއެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ޑިޕާޗަރ އާއި އެފްސީ ރޭންޖާރސްއެވެ. 4-1 ން މިމެޗްކާމިޔާބުކުރީ އެފްސީ ޑިޕާޗަރއެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޑިޕާޗަރގެ އަހުނަފްއެވެ.

ވަރަށް ފޯރިގަދަކުޅުމެއް ފެނިގެންދިޔަ މި މެޗްތައް ބަލާލުމަށް ގިނައަދަދެއްގެ ބަޔަކު ހާޒިރުވިއެވެ.
މުބާރާތްފެށުމުގެ ރަސްމިއްޔާތުގައި، މިމުބާރާތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއްވެދީފައިވާ އިބްރާހީމް ސައުދުއާއި ޢަބްދުﷲ އާރިފް ޒުވާނުންގެ ކިބައިން އެދުނީ އެކުވެރިކަމާއެކު ކުޅިވަރުގެ ރޫހާއެއްގޮތަށް މުބާރާތް ނިންމާލަދިނުމަށެވެ. އިބްރާހީމް ސައުދު އިތުރަށް ފާހަގަކުރިގޮތުގައި އެކުވެރިކަމާއެކު މުބާރާތް ނިންމާލައިފިނަމަ ވަރަށް އަވަހަށް މިއަށްވުރެ ފެންވަރު ރަނގަޅު މުބާރާތެއް ލަންދޫގެ ޒުވާނުންނަށްޓަކައި އިންތިޒާމްކޮށްދޭނެކަމަށެވެ.
