ކުޅިވަރު

ޔޫއެފާ ޗެމްޕިއަންސް ލީގު 6 ވަނަ ފަހަރަށް ބަޔާން ކާމިޔާބު ކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު 6 ވަނަ ފަހަރަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކް ކާމިޔާބު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ޕީއެސްޖީ ބަލިކޮށް ބަޔާން ޗެމްޕިއަންކަން ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުގެ ކުރީކޮޅުގައި މޮޅަށް ކުޅެފައިވަނީ ޕީއެސްޖީއިންނެވެ. ނަމަވެސް އެޓީމުގެ ޑިފެންޑަރުންނަށް ހެދުނު ބައެއް ގޯސްތަކުގެ ފައިދާ ބަޔާންއިން ނަގައި ފައިނަލްގެ ފުރިހަމަ ކާމިޔާބެއް ރޭވަނީ ހޯދާފައެވެ.

ބަޔާން މިއުނިކުން މިފަހަރުގެ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލި އިރު މިއީ އެ ޓީމުން އެ މުބާރާތް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. އެ ޓީމުގެ އިތުރުން މިހާތަނަށް އޭސީ މިލާނުން ހަތް ފަހަރު އަދި ރެއާލް މެޑްރިޑް 13 ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ޕީއެސްޖީން މުޅި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދެއްކި އިރު ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހުރިހާ ހަމަލާއެއް ދިފާއު ކޮށްފަ އެވެ. އަނެއް ކޮޅުން މެޗުން މޮޅުވި ބަޔާން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އިރު މިފަހަރުގެ މުބާރާތުގައި 15 ގޯލު ޖެހި ލެވަންޑޮސްކީ ވަނީ ގޯލުގެ ދަނޑިއަށް ބޯޅައެއް އަމާޒު ކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ 59 ވަނަ މިނަޓުގައި ކިންގްސްލީ ކޯމަން ބޮލުން ވައްދާލި ގޯލެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ކޯމަން އެ ބޯޅަ ހުހަށް ހުރެ ގޯލަށް ވައްދާލި އިރު ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސްއަށް ވަނީ އަތުވާގޮތް ނުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބަޔާން ޖެހި 500 ގޯލެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތުގައި ހަމައެކަނި ގޯލު ޖަހާފައިވަނީ ރެއާލް އަދި ބާސެލޯނާ އެވެ.

މި މޮޅާ އެކު ބަޔާން މިއުނިކުން ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި އުފުލާލި އިރު އެ ޓީމުން ވަނީ މި ސީޒަނުގައި ޖަރުމަނުގެ ބުންޑެސްލީގާއާއި ޖަރުމަނުގެ ލީގު ކަޕު ވެސް ކާމިޔާބުކޮށް ތާރީހީ ޓްރެބަލް ފުރިހަމަ ކޮށްފަ އެވެ. މިއީ އެ ޓީމުން ޓްރެބަލް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close