ފަހުވަގުތު ރޮނާލްޑޯ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ގޯލުން އެޓީމު މޮޅުވެއްޖެ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ވިޔަރެއާލްއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗްގައި އެންމެ ފަހު މިނިޓްކޮޅު ތެރޭގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިން ގޯލުގެ ސަބަބުން އެ އެޓީމު މޮޅުވެއްޖެއެވެ.
ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑް އަދި ވިޔަރެއާލް ބައްދަލުކުރި މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ވިޔަރެއާލުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ވިޔަރެއާލުން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މި ހުރިހާ ހަމަލާތަކެއްގެ ވެސް ހުރަހަކަށް ވީ ޔުނައިޓެޑުގެ ގޯލް ކީޕަރ ޑެ ހެއާއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމުވެސް އެއްވަރެއްގައި އޮވެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވިޔަރެއާލުންނެވެ. މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަކޯ އަލްކަސޭރެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން އަލެކްސް ޓެލޭސް ޖެހި މޮޅު ލަނޑުން ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ، ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޖެސޭ ލިންގާޑް ދިން ބޯޅައަކުންނެވެ. މިއީ ރޮނާލްޑޯ މިފަހަރުގެ ސީޒަނަށް ޔުނައިޓެޑަށް އެނބުރި އައި ފަހުން ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ދެވަނަ ލަނޑެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑް ގުރޫޕް ސްޓޭޖުގައި ޔަންގް ބޯއީސްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ލަނޑު ޖަހައިދިީފައެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ އެޓަލާންޓާއިން ވަނީ 1-0 ގެ ނަތީޖާއަކުން ޔަންގް ބޯއީސް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެފްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އެޓަލާންޓާއެވެ. ދެވަނައިގައި އޮތް ޔަންގް ބޯއީސް އާއި ތިންވަނައިގައި އޮތް ޔުނައިޓެޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.


