ޚަބަރު

ތުރުކީއާއި ކެނެޑާއަށްވެސް މަސް އެކްޕޯސްޓްކުރަން މިފްކޯއިން ފަށަނީ

ތުރުކީ އަދި ކެނެޑާއަށް ރާއްޖެއިން މަސް އެކްސްޕޯޓުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން މަސް އެކްސްޕޯޓު ކުރަނީ ޔޫރަޕްގެ ޤައުމުތަކަށް ކަމަށާއި އެހެންނަމަވެސް އިތުރު މަރކެޓުތަކަށް މަސް އެކްސްޕޯޓުކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ފައުޒީ ވިދާޅުވީ ލެޓިން އެމެރިކާގެ ޤައުމުތަކަށްވެސް ރޯމަސް މިހާރުވެސް އެކްސްޕޯޓު ކުރާކަމަށައި، މިފްކޯއިން ދަނީ އިތުރު މަރކެޓުތައްވެސް ހޯދަމުންކަމަށެވެ. އެގޮތުން ތުރުކީ އަދި ކެނެޑާފަދަ ޤައުމުތަކަށް މަސް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ދަޅުމަސް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓު ކުރަނީ ޔޫރަޕްގެ ޤައުމުތަކަށް ކަމަށާއި، ކުރިއަށް އޮތް ތިންމަސް ދުވަހަށްވެސް އޯޑަރުތައް އެބަހުރި ކަމަށް ފައުޒީ ވިދާޅުވިއެވެ. ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑިމާންޑް ދަށަށް ގޮސްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

” ލޮކްޑައުންއަށް ދިޔައިރު ރޯމަހުގެ އަގު ހުރީ 1550 ޑޮލަރުގަ ހުރީ އެހެންނަމެވެސް މިހާރު ހުރީ 1300 ޑޮލަރުގައި، އެހެންނަމަވެސް މަސްވެރިންގެ އަތުން މަސް ގަންނަ އަގަކަށް ބަދަލެއް ނުގެންނާނަން މިފްކޯއިން،” ފައުޒީ ވިދާޅުވިއެވެ.

ފުރަބަންދަށްފަހު ޤައުމުތައް ހުޅުވާލާއިރު މިފްކޯއަށް އިތުރު އޯޑަރުތައް ލިބެމުންދާނެ ކަމަށް އުއްމީދުކުރާކަމަށް ފައުޒީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close