ކޮވިޑް ޖެހިފައިވާ ކަމަށް ހީކޮށް ނުހިނަވައި ވަޅުލި މީހާގެ ނަތީޖާ ނެގެޓިވް
ކޮވިޑް-19 ޖެހިފައިވާ ކަމަށް ހީކޮށް ނުހިނަވައި ތައްޔައްމަމު ކުރުމަށްފަހު ވަޅުލި ގދ.މަޑަވެލީ އުމުރުން 87 އަހަރުގެ ހަސަން އަހްމަދުގެ ސާމްޕަލް ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.
މަރުހޫމް ހަސަން އަޙްމަދުގެ ނަތީޖާ ނެގެޓިވް ވީކަމަށް އެޗްޕީއޭއިން އިޢުލާން ކުރުމުގެ ކުރިން ހަސަން އަހްމަދުގެ ދަރިއަކު އެކަންވަނީ “ވަގުތު” އޮންލައިން އަށް ކަށަވަރު ކޮށްދީފައި ކަމަށް އެނޫހުން ބުނެއެވެ.
މަރުޙޫމް ޙަސަން އަޙްމަދު ނިޔާވީ ގދ.ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ހަސަން އަހްމަދު ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ފުއްޕާމޭގެއް ބައްޔަކަށެވެ. ނަމަވެސް ފަރުވާ ދެމުންދާތާ ދެދުވަސް ފަހުން އޭނާ އަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ލަފާކޮށް ހޮސްޕިޓަލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭނާ ނިޔާވުމުން ވެސް އަމަލު ކޮށްފައި ވަނީ ހާއްސަ އުސޫލަކުންނެވެ.
ހަސަން އަހްމަދުގެ މޫނު ދެއްކީ ވެސް އާއިލާގެ ވަރަށް މަދު ބަޔަކަށެވެ. އޭނާ ވަޅުލާފައި ވަނީ ވެސް ހިނެވުމެއް ނެތި، ތަޔައްމަމު ކޮށްފައެވެ.
ހަސަން އަހްމަދު ނިޔާވީ އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނެގިތާ ދެދުވަސް ފަހުންނެވެ. ދެދުވަސް ވީއިރު ވެސް ޓެސްޓް ނުކުރެވި، އޭނާ ނިޔާވުމުން ހިނެވުމެއް ނެތި ވަޅުލި މައްސަލައިގައި އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުހިނަވައި ތަޔައްމަމް ކުރުމަށްފަހު ވަޅުލި މީހަކަށް މަރުޙޫމް ޙަސަން އަޙްމަދު ވެފައިވާއިރު ނަތީޖާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަން ކަށަވަރުވެފައިވާ ފުރަތަމަ މީހަކުވެސް ރޭވަނީ ނިޔާވެފައެވެ.
ކޮވޑް-19 ގެ ބަލީގައި މިހާތަނަށް ނިޔާވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ﷲ ތަބާރަކް ވަތަޢާލާ މިންވަރު ކުރައްވާށިއެވެ.
