ޚަބަރު

ޖުޑީޝަލް ސާވިސް ކޮމިޝަން އޮތީ އެންމެ ލޯ ފާމެއްގެ ދަށުގައި ތާށިވެފައި – ޑރ. ޖަމީލް

ދިވެހިރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން އޮތީ އެންމެ ލޯ ފާމެއްގެ ބާރުގައި ތާށިވެފައި ކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޑރ.ޖަމީލު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކޮށް، އަދުލު އިންސާފު ޤާއިމުކުރުމަކީ އެމްޑީޕީން ވަމުން އައި ވައުދެއް ކަމަށެވެ. އިންސާފު ޤާއިމުކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން އެންމެ ލޯ ފާމެއްގެ ބާރުގެ ދަށުގައި ތާށިކުރައްވާފައި ކަމަށެވެ.

ޑރ.ޖަމީލު ފާހަގަކުރެއްވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާނާއި ބަންޑާރަނައިބު އަދި ޖޭއެސްސީގެ މެންބަރު ރިފްޢަތަކީވެސް އެ ލޯފާމާ ގުޅުން އޮތް ބޭފުޅެއް ކަމުގައެވެ. ހަމައެހެންމެ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަކީވެސް އެ ލޯފާމާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވި ގޮތުގައި މި ސަރުކާރުން ޖުޑީޝަރީ އިސްލާހުކުރަން ވައުދުވި ނަމަވެސް އެ ޕާޓީން ވެރިކަމާއި ބާރުތައް ލިބުމުން ކުރި ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ޕްރައިވަޓައިޒްކޮށް މުޅި ޝަރުޢީ ނިޒާމު ޙިސާނުގެ އަތްޕުޅަށް ދިނުން ކަމަށެވެ. ނަތީޖާއަކީ މުޅި ޝަރުޢީ ނިޒާމަށް ރޭގަނޑެއް އައުން ކަމަށާއި، މިހާރު މުޅި ޤާނޫނީ އަދި ޝަރުޢީ ނިޒާމު އޮތީ ނިދާފައި ކަމަށެވެ.

މީގެ އިތުރުން ޑރ.ޖަމީލު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީއަކީ ދިވެހި ޤައުމު ހުސްކުރާ ސޭލް އަޅުވާ ޕާޓީ ކަމަށެވެ. ފަޅުރަށްތަކާއި ފަރުތަކާއި ގިރިތަކާއި، ދައްޕަރާއި އައްޑޫއާއި، ސުކޫލުތަކާއި ވެލާނާ ބިލްޑިންގުވެސް އެމްޑީޕީން ވިއްކާލާފައިވާ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ޙައްޤު މިންވަރު ދޭނެ ކަމުގައި ބުނި ނަމަވެސް މިހާތަނަށް އެމްޑީޕީގެ ވެރިކަމުގައި އެޅި ފުލެޓެއް ގެނައި ތަރައްޤީއެއް ފެންނަން ނެތް ކަމަށެވެ.

އެމްޑީޕީގެ ވައުދުތަކަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ އެމްޑީޕީން ހަދައިދޭން ބުނި ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތަކެއް ފެންނަން ނެތް ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އެޅުނު އެއްޗެއްވިއްޔާ އެޅުނީ ފައްޔާޒު ނަމަކަށް ކިޔާ މީހެއްގެ ގޭ ދޮށުގައި ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close