ޚަބަރު

ވަޒީފާ ގެއްލުނު މީހުންނަށް ކޮންމެ މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން ނިންމަވައިފި

ކޯވިޑް-19އާ ގުޅިގެން މުޅިދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުގައި ރާއްޖޭގެ އެކިކުންފުނިތަކާއި ތަންތަނުން ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނިންމަވައިފިއެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ ތިން މަސް ދުވަސްވަންދެން ކޮންމެ މަހަކު ފަސްހާސްރުފިޔާ ދެއްވާގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މިޙާލަތުގައި ވަޒީފާގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ އެލަވެންސެއް ސަރުކާރުން ނިންމަވާފައިވާކަމަށާ، އެކަން ކުރެއްވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ޖޮބްސެންޓަރުގައި ޖަރިސްތްރީވެފައިވާ މީހުންގެ މަޢުލޫމާތު ވެރިފައިކުރަމުންދާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދަށްވެސް ވަނީ ހީނުކުރާފަދަ ބޮޑެތި ގެއްލުމާ ކުރިމަތިވެފައެވެ. މިއާއެކު، ބައެއް އަމިއްލަ ފަރާތްތަކުން ދަނީ ޚަރަދުބަރަދު މެނޭޖު ނުކުރެވުމާއި، ދެކޮޅުޖައްސަން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށްބުނެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށްދާން މަޖުބޫރުކުރުންފަދަ ކަންކަން ދަނީ ކުރަމުންނެވެ.

މިހާލަތުގައި އެކިތަންތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ވަޒީފާގެ އެކިއެކި މައްސަލަތައް ދިމާވާމީހުން އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުންވަނީ އިލްތިމާސްކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close