ޚަބަރު

ތިނަދޫން ޓެސްޓްކުރި މީހުން 24 ގަޑިއިރު ފަހުން އަލުން ޓެސްޓް ކުރަނީ

ވ. ތިނަދޫއިން ކޯވިޑް -19 އަށް ޝައްކުކުރެވިގެން ޓެސްޓް ކުރި މީހުންގެ ނަތީޖާ ނެގެޓިވްވެފައިވީ ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އެމީހުން އިތުރަށް ޓެސްޓް ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ” ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރެއްވީ ވ. ތިނަދޫގެ އިތުރުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ކުރެއްދޫ އައިލެންޑް ރިސޯޓާއި ސަމަރ އައިލެންޑް ރިޒޯޓުން ފެނުމާ ގުޅިގެން އެ ދެ ރިސޯޓަށް އަރާ ފޭބުން އަދިވެސްވަނީ ވަގުތީގޮތުން މަނާކަމުގައެވެ.

މިތަންތަނަށް އަރާ ފޭބުން މަނާކުރީ ކޯވިޑް 19އަށް ޝައްކުކުރެވުނު މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކުން ކޯވިޑް-19 ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ބޭނުންވާ ސިއްޙީ ސާމާނު ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށާއި، ބަލި ފެތުރި، ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ސަރުކާރުން ތައްޔާރަށް އޮތްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އަދި މުޅި ރާއްޖޭގެ ހާލަތު ބެލުމަށްޓަކައި ރާއްޖޭގެ ރަށްތަކުގައި ރޯގާއާއި ނިއުމޯނިއާ ފަދަ ބަލިތައްފެތުރި ދައުރުވަމުންދާ ނިސްބަތް ބެލުމަށްޓަކައި ދުވަހުން ދުވަހަށް އެކަންބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ އެހެންޤައުމުތަކުގައިވެސް މިބައްޔަށް ދެމުންދާ ފަރުވާތަކާއި، ބަލި ޓެސްޓްކުރެވޭނެ އިންތިޒާމު މިވަގުތު ރާއްޖޭގައި ހުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ދިވެހި ސަރުކާރުން އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށްކަމަށާއި މިކަމުގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮތްކަމަށް ޤަބޫލުކޮށް އާންމު ސާފުތާހިރުކަމާއި، ޑޮކްޓަރުންނާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް މިދަނޑިވަޅުގައި އަމަލުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close