ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފި
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ އެޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ހަނދު ސާބިތު ކުރުމަށް މިރޭ ވާޗުއަލްކޮށް އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވަނީ އެކަމާއިބެހޭ ގޮތުން ކަނަޑައެޅި ގޮތުގެ ބަޔާން އިއްވަވާފައެވެ. މިބަޔާނުގައި ވަނީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ސާބިތުވެފައިވާކަމަށް ފަލަކީ ހިސާބަކުންވެސް ނުދައްކާތީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 24 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މާދަމައަކީ ޝައުބާން މަހުގެ އެންމެ ފަހު ދުވަސްކަމަށެވެ.
ރަމަޟާން މަހަކީ ގިނަ ބަޔަކު ދަމުނަމާދާއި ތަރާވީސް ނަމާދާއި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ މަހަކަށްވި ނަމަވެސް، ކޯވިޑް-19ގެ ސަބަބުން ޖަމާއަތުގައި ތަރާވީސް ނަމާދާއި ދަމު ނަމާދު ނުކުރުމަށް ދީނީ ޢިލްމުވެރިން ވަނީ އިރުޝާދު ދެއްވާފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ، ރޯދައިގެ ފަރުޟު އަދާ ކުރުމަށް ފަރުވާތެރިވުމަށާއި، ﷲގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަ ކުރުމަށް ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، ކޮވިޑް-19 އިން ހުރިހާ އިންސާނުން ރައްކާތެރިކޮށްދެއްވުމަށް އެދި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ ދުއާ ދަންނަވާފައެވެ.
