ޚަބަރު

ނައިޓް މާކެޓް ބާއްވާ އުޞޫލަށް ބަދަލުގެނެސްފި

މާލޭ ސިޓީގައި ނައިޓް މާކެޓް، ބާއްވަމުން ގެންދާ އުޞޫލަށް ބަދަލުގެނެސް އަހަރަކު ދެފަހަރު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މަލޭ ސިޓީ ކައުންސިލުން ގެނައި ބަދަލުގައި ވާގޮތުން މަގުމަތީ ބާޒާރު އަދި ފެއަރ މީގެފަހުން ބޭއްވޭނީ ރޯދަމަހާއި ދިމާކޮށާއި ބޮޑު ޗުއްޓީއާ ދިމާކޮށެވެ.

ސިޓީ ކައުންސިލުން މިގޮތަށް ކަނޑައަޅާފައިވަނީ ނައިޓް މާކެޓް ބާއްވާ އުސޫލަށް ގެނައި ބަދަލުގައެވެ. މީގެ ކުރިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު އެކި އެކި މުނާސަބަތުތަކާ ގުޅިގެން ބޭއްވެއެވެ. އެ މުނާސަބާތަކުގެ ތެރޭގައި އަޟްހާ ޢީދުދުވަސް، ފިތުރު ޢީދުދުވަސް، ރާއްޖެއިސްލާމްވީ ދުވަސް، ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީ އާ އަހަރުފެށޭ ދުވަސް، ހިޖްރީ އާ އަހަރުފެށޭ ދުވަސް، މަސައްކަތްތެރިންގެ ދުވަސް، ނަސްރުގެ ދުވަހުގެ އިތުރުން ޝަޢުބާން މަސްވެސް ހިމެނެއެވެ.

ނަމަވެސް ސިޓީ ކައުންސިލުން ވަނީ މި އުސޫލަށް ބަދަލު ގެނެސް، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވޭނީ ރަމަޟާން މަހުގެ ކުރީކޮޅުގައާއި ބޮޑު ޗުއްޓީ ދުވަސްތަކުގައިކަމަށް ކަނޑައަޅާފައެވެ. އަދި މިއުސޫލުގެ ދަށުން ނައިޓް މާކެޓް ބޭއްވޭނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށާއި ނައިޓް މާކެޓް ބޭއްވުމަށް ކޮންމެ ފަހަރަކުވެސް ސިޓީ ކައުންސިލުން އިޢުލާންކުރާނެކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ މިގޮތަށް މިބަދަލުގެނައީ ނައިޓްމާކެޓް ބާއްވާ ފަރާތްތަކަށް ފަސޭހަކުރުމާއެކު ވީހާވެސް ގިނަ ރައްޔިތުންނަށް ނައިޓްމާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށެވެ.

ނައިޓް މާކެޓް ބާއްވާ ދުވަސްތަކަށް ބަދަލުގެނެސްފައިވާއިރު އަންނަ ޖުލައި މަހާއި އޮގަސްޓުމަހު ހުޅުމާލޭގައި ނައިޓްމާކެޓްތައް ބޭއްވުމަށް ތިން ކުންފުންޏަކުން ވަނީ އިޢުލާންކޮށްފައެވެ. އެއީ ލިކަމެކްއިން ބާއްވާ ލިކަމެކް ނައިޓްމާކެޓާއި ރަންބޮލި މަހާސަމާއިން ބާއްވާ ނައިޓް މާކެޓަކާއި ބީޓުބީ މޯލްޑިވްސްއިން ބާއްވާ “ސަޕްލައި ޢީދު ފެސްޓިވަލް” ނައިޓްމާކެޓެއް ހިމެނެއެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ޒަމީރު ވިދާޅުވީ މާލެ ސިޓީ ސަރަޙައްދުގައި ނައިޓް މާކެޓް ބޭއްވޭނީ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެންކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ހުއްދައަކަށް ނޭދޭ ކަމަށާއި އަދި އެއްވެސް ފަރާތަކަށް ހުއްދައެއް ދީފައިނުވާނޭކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ނައިޓް މާކެޓްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ ނައިޓް މާކެޓް ހިންގުމުގެ އުސޫލެއް ކަނޑައަޅާފައެވެ. އެ އުސޫލުގެ ދަށުން ނައިޓް މާކެޓް ބޭއްވޭނީ އެބާއްވާ ސަރަޙައްދެއްގެ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްގެ ހުއްދަ ނަގައިގެން، ކަނޑައަޅާފައިވާ ދުވަސްތަކުގައި އެކަންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައިޓް މާކެޓްތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދާ އެކަންނެވެ. ނަމަވެސް މި މަޤްސަދާއި ޚިލާފުވެ ފަހަކަށް އައިސް ނައިޓް މާކެޓް ބާއްވަމުންދާތީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ޓެކްސް ދައްކައިގެން ވިޔަފާރިކުރާ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close