ޚަބަރު

ކުށެއް ވުޖޫދު ނުވަނީސް ފިޔަވަޅު އެޅުމަކީ އެމް.ޑީ.އެންގެ އެޖެންޑާ ތަންފީޒު ކުރާކަމުގެ ޢަލާމާތެއް – ސަލަފްގެ ރައީސް

މީހެއްގެ މައްޗަށް ކުށެއް ވުޖޫދު ނުވަނީސް ފިޔަވަޅު އެޅުމަކީ އަދުގެ ސަރުކާރުން އެމް.ޑީ.އެންގެ އެޖެންޑާ ތަންފީޒު ކުރަމުންދާކަމުގެ ޢަލާމާތެއްކަމަށް ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަލަފުގެ ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، އިއްޔެގެ ވަގުތެއްގައި ރ.މަޑުއްވަރީ މިސްކިތެއްގެ މުދިމް ވަޒީފާއިން ވަކިކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ސަލަފްގެ ރައީސް ކުރެއްވި ޓްވީޓުގައިވަނީ ” ހަރުކަށިފިކުރާ،ޓެރަރިޒަމާ ދެކޮޅުޙަރަކާތުގެނަމުގައި، މުޖްތަމަޢުގެ ޚިދުމަތްތެރިއެއްކަމުގައި އެމީހެއްގެ މައްޗަށް ރަށުކައުންސިލުން ހެކިވެފައިވާ މައުޖޫދުގެ ކުށެއް ވުޖޫދު ނުވަނީސް ވަޒީފާއިން އެއްކިބާކުރުމީ އެމް.ޑީ.އެންގެ އެޖެންޑާ ސަރުކާރުން ތަންފީޛު ކުރަމުންގެންދާކަމުގެ ޢަލާމާތެކެވެ. “

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާގޮތުންވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އޭނާއަކީ ކުށުން ބަރީޢަވެގެންވާ މީހެއްކަމަށެވެ. ކުށެއް ސާބިތުވާނީ ޝަރުޢީ ކޯޓަކުން އޭނާގެ މައްޗަށް ކުށެއް ސާބިތުވިކަމަށް ޙުކުމް ކުރުމުންނެވެ.

އެހެންނަމަވެސް ރ.މަޑުއްވަރީ މިސްކިތުގެ މުދިމްއަށް ދަޢުލަތުން ކޮށްފައިވާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުންތައް އަދިވެސް ކުރިޔަށްދާއިރު، މިހާތަނަށް ކޯޓުން އެކަން ސާބިތުވެ ޙުކުމެއް ކޮށްފައި ނުވާކަމަށް މަޑުއްވަރީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައިވެސް ބުނެފައިވެއެވެ.

އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުން މުދިމް މުޙައްމަދު މައުޖޫދު ހައްޔަރުކޮށްފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން މަޑުއްވަރީގައި އުޅޭކަމަށްބުނެ ސަލާމަތީ ބާރުތަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު އެރަށުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި 2020 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

އޭނާ ބަންދުކޮށްފައިވަނީ، ކުޑަކުދިންތަކެއް ލައްވާ ބަންގިގޮވާ ނަމާދުކުރުވައި، އެކުދިންނަށް ނަޞޭޙަތްދީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި ކަމަށް އެ ބަޔާނުގައި މުޙައްމަދު މައުޖޫދު އާއި ހަވާލާދީ އެ ކައުންސިލުން ބުނެފައިވެއެވެ.

އެހެންނަމަވެސް ދަޢުލަތުން މައުޖޫދު އާއި ދެކޮޅަށް އުފުލާފައިވަނީ، ތުހުމަތުކުރި މައްސަލައިގެ ދަޢުވާއެއް ނޫންކަމަށާއި ދަޢުލަތުން ކޮށްފައިވާ ދަޢުވާއަކީ ޓެރަރިސްޓު ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދަޢުވާކަމަށް ކައުންސިލުގެ އެ ބަޔާނުގައިވެއެވެ. އަދި މައުޖޫދު ހައްޔަރުކުރިތާ ދެމަހެއްހާ ދުވަސްފަހުން އޭނާވަނީ ޝަރުޠުތަކަކާއިއެކު ބަންދުން ދޫކޮށްލާފައިކަމަށާއި އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ވަޒީފާއަށް ނެރުމަށާއި ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދިނުމަށްވެސް އަންގާފައިކަމަށް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސާރވިސް ޤަވާޢިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 18 ވަނަ ނަންބަރުގެ ދަށުން (ޤާނުނެއްގެ ދަށުން އެޤާނުނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަޙްޤީޤަކުން މުވައްޒަފު ކުށެއްކޮށްފައިވާކަން ސާބިތުވުން) ކަމުގައި ބަޔާންކޮށްފައިވާކަމަށާއި އެހެންނަމަވެސް މިމައްސަލައަކީ މިހާރުވެސް ޝަރީޢަތުގައި ހިނގަމުންދާ މައްސައަކަށްވެފައި، މައުޖޫދާއި ދެކޮޅަށް ޝަރީޢަތުގައި އެއްވެސްކަމެއް ސާބިތުވެގެން ޙުކުމެއް ކޮށްފައިވާކަން އަދި މިހާތަނަށް އެ ކައުންސިލަށް އެނގިފައިނުވާކަންވެސްވަނީ އެ ކައުންސިލުން ނެރުނު ނަންބަރު: (PR)308/2021/5 ބަޔާނުގައި ބުނެފައެވެ.

އެ ކައުންސިލުން މައުޖޫދުގެ ދިފާޢުގައި ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2020 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީންވަނީ މައްސަލައާއިމެދު ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް މައުޖޫދަށް ދީފައިކަމަށާއި އެ މުއްދަތުގެ ތެރޭގައި ވަރަށް ތަފްޞީލުކޮށް ކަންހިނގާދިޔަގޮތް ބަޔާންކޮށް މައުޖޫދު ޖަވާބުދީފައިވާކަމަށާއި އޭގެފަހުން ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު ފޮނުވުމާއި ހަމައަށް އެއްވެސް އިތުރު މުޢާމަލާތެއް މައުޖޫދުއާއި ކޮށްފައި ނުވާކަމަށެވެ.

އެކައުންސިލުގެ ބަޔާނުން ދޭހަވާގޮތުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިސްލާމިކް މިނިސްޓްރީގެ ފަރާތުންވަނީ އެ ކައުންސިލް މެދުވެރިކޮށް މައުޖޫދުގެ މަޢުލޫމާތުތަކެއް ހޯދާފައެވެ. އެގޮތުން މައުޖޫދު ބަންދުން ދޫކޮށްލިފަހުން އޭނާގެ އުޅުމާއި ގުޅުން ހުރިނެތްގޮތާއި އޭނާގެ އުޅުން އިސްލާޙުކޮށްފައިވޭތޯ އާއި ތުހުމަތުކޮށްފައިވާ މައްސަލައާއިގުޅުންހުރި އެއްވެސް ކަމެއް އޭނާ ކުރާކަން ފާހަގަވާނަމަ އެކަން އަންގައިދިނުމަށްވަނީ އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އޭގެ ޖަވާބުގައި، މައުޖޫދު އެފަދަ އެއްވެސްކަމެއް ބަންދުކުރުމުގެ ކުރިންވެސް އަދި ފަހުންވެސް ކޮށްފައިވާކަން އެ ކައުންސިލަށް އެނގިފައިނުވާކަމާއި، އޭނާއަކީ ރަށުގައި ބަންގިގޮވާ އިމާމުވެ ނަމާދު ކުރާނެ މީހަކު ނެތިދިޔަ ދަނޑިވަޅެއްގައި، މިމަޤާމާއި ޙަވާލުވެ މަސައްކަތްކުރަން ފެށި ފަރާތެއްކަމާއި، ރަށުގައި މަރުވާ މީހުން ހިނެއުމާއި ކަށުކަމާކެމީގެ ކަންކަމުގައި ކައުންސިލުން އެދުނު ކޮންމެ ފަހަރެއްގައި އެކަން ކުރުމުގައި އެންމެ އިސްސަފުގައި މައުޖޫދު ހުންނަކަމަށާއި ޖެހިޖެހިގެން ގިނަ ހަފްތާތަކެއްގައި ހުކުރު ކުރަން އެދުނު ކަމުގައިވީނަމަވެސް އެއްވެސް ޝަކުވާއެއްނެތި ކައުންސިލުން އެދުނު ކޮންމެ ފަހަރަކު އެކަން ކޮށްދީފައިވާކަން ބަޔާންކޮށް އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާނެކަމަށާއި އޭގެ އިތުރުންވެސް އޭނާއަކީ ރަށުގައި ކުރިޔަށްގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައާއި، ވަކިން ޚާއްޞަކޮށް މިސްކިތްތަކުގައި ބޭއްވޭ ދަރުސްތައް އިންތިޒާމުކުރުމުގައި، އިސްލާމިކް މިނިސްޓްރީގެ ޓީމްތަކަށާއި ކައުންސިލަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ފަރާތަކީވެސް މައުޖޫދުކަން ފާހަގަކޮށްފައިވާނެކަން އެ ކައުންސިލުގެ ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close